މިފްކޯގެ މެނެޖިން ޑިރެކްޓަރު މަގާމުން ވަކިކުރުން: މެނެޖިން ޑިރެކްޓަރު ވަޒީފާ އިން ވަކިކުރި އިރު، މިފްކޯގެ ބޮޑެތި މައްސަލަތަކެއް ދަނީ ބަ

މިފްކޯގެ މެނެޖިން ޑިރެކްޓަރުގެ މަގާމުން އާދިލް ސަލީމް ރޭ ވަކިކުރެއްވިއިރު، އެ ކުންފުނީގެ ހިޔާނާތުގެ ތުހުމަތުގެ މައްސަލަތަކަކާއި މެނޭޖްމަންޓާ ގުޅިފައި ހުރި ބޮޑެތި މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރުގެ ނައިބު ޑރ. ފާތިން ހަމީދު ވިދާޅުވީ ގައުމީ މަސް ކުންފުނީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުން އާދިލް ވަކިކުރެއްވުމާ މި މައްސަލަތަކާ ގުޅުމެއް ނެތް ނަމަވެސް، އާދިލް އަށް ރައްދުވާ ބައެއް މައްސަލަތައް ހިމެނޭ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން މިހާރު ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި، ޑރ. ފާތިން ވިދާޅުވީ، ތައިލެންޑްގެ ކުންފުންޏަކާ ގުޅިގެން މިފްކޯ އިން ސްރީލަންކާގައި މަސް ބަންދުކުރާ ފެކްޓްރީއެއް ހަދަން އުޅުނު މައްސަލައަކާއި އާދިލް ހިއްސާވާ ތިން މަސް ކުންފުންޏެއްގެ ތެރެއިން އެއް ކުންފުންޏަކުން މިފްކޯގެ ކަނޑުއޮތްގިރި ފެކްޓްރީގައި މަސް ބަންދުކޮށް، އެ ކުންފުނީގެ ބައެއް މުވައްޒަފުން އެ މަސައްކަތުގައި ބައިވެރިކުރުން ހިމެނެ އެވެ. މީގެ އިތުރުން މިފްކޯގެ ގިނަ ބޯޓުފަހަރުގެ ސޭފްޓީ އާއި ކްލާސް ސެޓްފިކެޓްގެ މުއްދަތު ހަމަވެ، އެކަމަށް ބައިވަރު ފައިސާތަކެއް ހޭދަކުރަން ޖެހުމާއި، މިފްކޯގެ ކޫއްޑޫގައި އެކައުންޓް ނުކުރެވި ހުރި ކަމަށް ބުނާ ބައިވަރު ފައިސާތަކެއްގެ މައްސަލަ އާއި ކޫއްޑޫގައި ހިންގާފައިވާ ކަމަށް ބުނާ ބަދުއަހުލާގީ މައްސަލަތަކެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން މިނިސްޓަރުގެ ނައިބު ވިދާޅުވީ މިފްކޯގެ މުވައްޒަފުން ހުށަހަޅާފައިވާ ތިން ޕެޓިޝަނެއްގެ މައްސަލަ ވެސް ބައްލަވަމުން ގެންދަވާ ކަމަށެވެ.
މީގެ ތެރެއިން ބައެއް މައްސަލަތައް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ޑރ. ފާތިން ވިދާޅުވި އެވެ. އޭގެ ތެރޭގައި، މިފްކޯގެ ޗެއާމަން ކަމުގައި އަބްދުﷲ ޖާބިރު ހުންނެވިއިރު އޭނާގެ ރިސޯޓަކަށް މިފްކޯގެ ބޯޓަކުން ގިނަ އަދަދަކަށް ތެޔޮ ބޭލި މައްސަލަ އާއި ކަނޑުއޮތްގިރީގައި އާދިލް ހިއްސާވާ ކުންފުންޏަކުން މަސް ބަންދުކުރަމުން ދިޔަ މައްސަލަ ހިމެނެ އެވެ.
"އެކަމަކު އެ ދެ މައްސަލައިގައި ވެސް އަދި އޮތީ ގޮތެއް ނުނިންމާ،" ޑރ. ފާތިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ރެގިއުލޭޓަރީ ބޮޑީ ނުވަތަ ފިޝަރީޒް މިނިސްޓްރީ އަށް އެނގުމަކާ ނުލައި، ބެންކޮކްގެ ކުންފުންޏަކާ ވާހަކަ ދައްކައި ލަންކާގައި މަސް ބަންދުކުރާ ފެކްޓަރީއެއް ހެދުމަށް މިފްކޯ އިން ދަތުރުތަކެއް ވެސް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަން އެނގުނީ މި އަހަރު ބެންކޮކްގައި އޮތް ޓޫނާ ކޮންފަރެންސަކަށް ދިޔަތަނުން އެ ކުންފުނިން އެ ވާހަކަ އެހީމަ. އެ ބޭފުޅުން އައްސަވަނީ މިކަމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިހޭ، އޭރު އަޅުގަނޑުމެންނަކަށް ނޭނގެ މިކަން ހިނގާކަމެއް،" ޑރ. ފާތިން ވިދާޅުވި އެވެ. "ފިޝަރީޒް މިނިސްޓްރީ އަކީ މިފްކޯގެ ރެގިއުލޭޓަރީ ބޮޑީ. މިނިސްޓްރީ އަށް އެނގެން ޖެހޭނެ."
އެހެން ނަމަވެސް، މި މައްސަލައިގައި އާދިލް ވިދާޅުވީ، އެ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށާއި މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ޓަކައި ލަންކާ އަށް ދަތުރެއްކޮށް، ކުރެވިދާނެ ކަންތައްތައް ބަލައިފައިވާ ކަމަށާއި އެއީ ޖުމްލަކޮށް ދިވެހި މަސްވެރިކަން ފުޅާކުރުމުގެ ވިސްނުމެއް ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ތަފުސީލުތައް އޭރު ނޫސްތަކަށް ދީފައިވާނެ ކަމަށާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވެސް ވާހަކަ ދައްކަވައިފައިވާ ކަމަށެވެ.
"ސީދާ ފިޝަރީޒް މިނިސްޓަރު ހުސެން ހިލްމީ އާ ވެސް މި ވާހަކަ އޮންނާނީ ދެކެވިފައި. ބެންކޮކްގައި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރިއިރު ފިޝަރީޒްގެ އިސް ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވާނެ،" އާދިލް ވިދާޅުވި އެވެ.
ޖާބިރުގެ ދޮންވެލި ބީޗް ރިސޯޓަށް މިފްކޯގެ ބޯޓެއްގައި ތެޔޮ ގެންދިޔަ ކަމަށާއި އެއީ ވިޔަފާރި އުސޫލުން ކޮށްފައިވާ ކަމެއް ކަމަށް އާދިލް ވިދާޅުވި އެވެ.
"ތެދެއް އެއީ، އެކަމަކު އެއީ މިފްކޯގެ މަސްވެރިކަން ދަށަށް ގޮސްފައި އޮތް ދުވަސްވަރު މިފްކޯގެ ހަރަދުތައް ސަލާމަތްކުރުމަށް ޓަކައި ކޮށްފައި އޮތް ކަމެއް. މިފްކޯގައި ކުރަމުންދާ ކަމެއް އެއީ،" އާދިލް ވިދާޅުވި އެވެ. "އެކަމާ ބެހޭ ލިޔެކިޔުންތައް ހުންނާނެ މިހާރު ވެސް މިފްކޯގައި."
ކޫއްޑޫގައި އެކައުންޓަށް ނުވަދެ ހުރި ގިނަ އަދަދެއްގެ ފައިސާގެ މައްސަލައަކީ އެތަނުގެ މުވައްޒަފުންތަކެއް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި "އެއީ ދެންނެވޭވަރަށް ވުރެ ބޮޑު އަދަދެއް" ކަމަށް ޑރ. ފާތިން ވިދާޅުވި އެވެ.
އެހެން ނަމަވެސް އާދިލް ވިދާޅުވީ އެވަރުގެ މައްސަލައެއް އޮތް ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށާއި "ތި ވާހަކަ އިވުމުން ޝޮކެއް ލިބިއްޖެ" ކަމަށެވެ. އަދި ބަދުއަހުލާގީ މައްސަލަތަކެއް ނުބެލި އޮންނާނެތޯ ދެންނެވުމުން އާދިލް ވިދާޅުވީ އެއީ ވެސް އޭނާ އަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
"ކޫއްޑޫގެ ކަންތައްތައް ބަލާނީ އެތަނުން،" އޭނާ ވިދާޅުވި އެވެ.
ކަނޑުއޮތް ގިރީގައި އާދިލް ހިއްސާވާ ކުންފުންޏަކުން ގަވައިދާ ހިލާފަށް މަސް ބަންދުކުރުމުގެ
އެއްވެސް ހަރަކާތެއް ހިންގިތޯ ދެންނެވުމުން އާދިލް ވިދާޅުވީ އެއީ ވެސް ދޮގެއް ކަމަށެވެ. ވިދާޅުވީ، އޭނާގެ އާއިލާ ހިއްސާވާ މަސް ކުންފުންޏެއް އޮންނަ ކަމަށާއި ކަނޑުއޮތްގިރީގައި އެ ކުންފުނީގެ މަސައްކަތް ކުރުމަށް އޭނާގެ ބައްޕަ ދެކޮޅު ވެސް ހަދައިފައިވާ ކަމަށެވެ.
ޑރ. ފާތިން ވިދާޅުވީ، ދަޅު މަހުގެ އަގު ހެޔޮކުރުމަށް ޓަކައި މިފްކޯ އާ މަޝްވަރާކޮށްފައިވާ ކަމަށާއި ދަޅު މަހުގެ އަގު ހެޔޮ ނުކުރެވޭނެ އެއްވެސް ސަބަބެއް އެ ކުންފުންޏަށް ދެއްކިފައި ނުވާނެ ކަމަށެވެ.
"އަނެއްކާ ބައްލަވާ ދަޅުމަހުގެ ބަރުދަން، މިހާރު ދަޅަކުން ފަސް ގްރާމް ލުއިކޮށް އެ ވިއްކަނީ. މިކަމެއް އާންމުންނަކަށް ނޭނގެ،" ރ. ފާތިން ވިދާޅުވި އެވެ.
މިފްކޯ އިން އެންގަނެ ވިއްކުމަކީ ވެސް ސަރުކާރުން ތަރުހީބު ދޭ ކަމަކަށް ނުވާތީ އެކަން ވެސް ހުއްޓުވައިފައިވާ ކަމަށާއި، މިފްކޯގެ ދޯނިފަހަރުގައި ބިދޭސީން މަހަށް ފުރުވުމަށް ޓަކައި ކުންފުނިން ހުށަހެޅި ހުށަހެޅުމަށް ވެސް ސަރުކާރުން ދެކޮޅު ހަދައިފައިވާ ކަމަށް ޑރ. ފާތިން ވިދާޅުވި އެވެ.
"ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތާއި އިންވެސްޓްމަންޓްތައް ހުރީ ދިވެހިންނަށާއި ގައުމަށް ފައިދާ ވާ ގޮތަށް ބައްޓަންކޮށްފައި. ބިދޭސީން މަހަށް ފުރުވުމަކީ ސަރުކާރުން ތަރުހީބު ދޭނެ ކަމެއް ނޫން. ލަންކާގައި ފެކްޓްރީ އެޅުމަކީ ވެސް އެކަހަލަ ކަމެއް،" މިނިސްޓަރުގެ ނައިބު ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ، ސަރުކާރުން މިހާރު އެ ކުރާ ތުހުމަތުތަކަކީ އޭނާގެ ސިޔާސީ ވިސްނުން ބަދަލުވުމާ އެކު ކުރަމުންދާ ތުހުމަތުތަކެއް ކަމަށެވެ.
"މައްސަލަތަކެއް ހުރި ނަމަ ކުރިން ވެސް އެކަން ބަލަމުން ގެންދަންވީ ނޫންތޯ... އަޅުގަނޑު މިފްކޯގައި ކޮށްފައި ހުންނާނީ މިފްކޯ އަށާއި ގައުމަށް ފައިދާވާ ގޮތަށް. ޑިރެކްޓަރުންގެ ބޯޑަށް ނޭނގި އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" މިފްކޯގައި ބާވީހަކަށް އަހަރު ހިދުމަތް ކުރައްވައި، އަދި މެނެޖިން ޑިރެކްޓަރު ކަމުގައި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި އާދިލް ވިދާޅުވި އެވެ.
ޑރ. ފާތިން ވިދާޅުވީ، މިނިސްޓްރީ އަކީ މައްސަލަ ބަލާތަނެއް ނޫން ކަމަށާއި އެ މައްސަލަތައް މިނިސްޓްރީ އަށް ހުށަހެޅުމާ އެކު ކުންފުނީގެ ބޯޑަށް މައްސަލަތައް ހުށަހަޅަމުން ގެންދާ ކަމަށެވެ.
"އާދިލް ސަލީމް މިފްކޯގެ މެނެޖިން ޑިރެކްޓަރު ކަމުން ވަކިކުރެއްވީ މި މައްސަލަތަކާ ހުރެއެއް ނޫން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ސަރުކާރުގެ ކުންފުންޏެއްގެ މެނެޖިން ޑިރެކްޓަރު ކަމުގައި ހުންނަން ޖެހޭނީ ސަރުކާރު އިތުރުބާރު ކުރާ ބޭފުޅަކު. މިފްކޯ އަކީ ވިޔަފާރި ކުންފުންޏެއް. މެނެޖިން ޑިރެކްޓަރަކީ އެތަނުގެ ބައިވަރު ފައިސާތައް ބަލަހައްޓަވައި ބޮޑެތި ޒިންމާތަކެއް އުފުއްލަވަން ޖެހޭ ބޭފުޅެއް،" ޑރ. ފާތިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، މި މައްސަލައިގައި ޒާތީ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އާދިލް، މެނެޖިން ޑިރެކްޓަރުގެ މަގާމުން ރޭ ވަކިކުރެއްވިއިރު، އޭނާ ވަނީ ރިޔާސީ އިންތިހާބުގައި މުހަންމަދު ނަޝީދު )އަންނި( އަށް ވޯޓު ދިނުމަށް އިއްޔެ ގޮވާލައްވައިފަ އެވެ. އަދި ރޭ އެމްޑީޕީގެ އިއްތިހާދުން މާލޭގައި ބޭއްވި ބައްދަލުވުމުގައި އާދިލް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
މިފްކޯގެ މެނެޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ސަރުކާރުން ރޭ ވަނީ ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި މުހަންމަދު ޝައިނީ އިސްކުރައްވައިފަ އެވެ. ޝައިނީ އަކީ މި ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި އަދި ފިޝަރީޒް މަޝްރޫއުތަކުގައި ޓެކްނިކަލް ގޮތުން ކަންތައްތައް ބައްލަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ