ދުވަސްކޮޅެއްގެ ސިޔާސީ ބޭނުމަކަށް ޓޫރިޒަމް އިންޑަސްޓްރީ ގުރުބާން ކޮށްގެން ނުވާނެ: މަޓީގެ ޗެއާމަން

ދުވަސްކޮޅެއްގެ ސިޔާސީ ބޭނުމަކަށް ޓޫރިޒަމް އިންޑަސްޓްރީ ގުރުބާންކޮށްގެން ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޖަމިއްޔާގެ 18 ވަނަ އަހަރީ އާއްމު ޖަލްސާ ހުޅުވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކާގައި ކުރިޔަށް އޮތް ދުވަސްވަރުގައި ޓޫރިޒަމް އިންޑަސްޓްރީއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ބަޔަކު ދުވަސްކޮޅެއްގެ ސިޔާސީ ބޭނުމަކަށް ޓޫރިޒަމް އިންޑަސްޓްރީ ގުރުބާންކޮށްގެން ނުވާނެ. އެއީ ކޮންމެ މީހަކު އަދި ކޮންމެ ޕާޓީއަކުން ވެރިކަމަށް އަޔަސް،" ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަންކަން ވެސް ކުރައްވާ އެމްޔޫ މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ހިމާޔަތް ބޭނުންވާ ކަމަށެވެ. އަދި އެ ދާއިރާގެ ވިޔަފާރިއަށް މިނިވަންކަން ދީ ވިޔަފާރި ކުރިއެރުވުމަށް އެކަށީގެންވާ އިނާޔަތްތަކެއް ދިނުމަށް ވެސް އެމްޔޫ މަނިކު ގޮވާލެއްވި އެވެ.
"ވިޔަފާރި ކުރިއެރުވޭނީ އެކަމުން ފައިދާ ވަންޏާ. މި ހަގީގަތާ ދެކޮޅެއް ނެހެދޭނެ،" ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާ މުހާތަބުކުރައްވައި އޭނާ ވިދާޅުވި އެވެ.
ޓީވީ މޯލްޑިވްސް ކުރިމަތީގައި ހަދާފައިވާ އެ ޖަމިއްޔާގެ އާ އިމާރާތުގައި، އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް، މިނިވަންކަމާ އެކު ވިޔަފާރި ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ދޭން ޖެހިފައިވާ ކަމަށެވެ.
"ގައުމުގެ ހަމަޖެހުން ވެސް ބިނާވެފައި ވަނީ މިކަމުގެ މައްޗަށް،" މަޓީ އުފެދުނީއްސުރެ މިހާތަނާ ޖެހެންދެން ވެސް ޗެއާމަންކަން ކުރައްވަމުން ގެންދަވާ މަނިކު ވިދާޅުވި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި މަޓީގެ ވައިސް ޗެއާޕާސަން ކަމަށް ޗަންޕާ ހުސެއިން އަފީފާއި އަހުމަދު މުޖުތަބާ ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ސެކްރެޓަރީ ޖެނެރަލަކަށް ސިމް މުހައްމަދު އިބްރާހިމް އާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލަކަށް އަހުމަދު ހަފީޒު ހޮވި އެވެ. މީގެ އިތުރުން ހިންގާ ބޯޑަށް ހަތް މެމްބަރުން އިންތިހާބުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ