ޕާކިސްތާނަށް އެހީވުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމަށް ކޮމެޓީން ބުނެފި

ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމުގެ ނަމުގައި ފަންޑު ފޮށި ބަހައްޓައިގެން ބައެއް ފަރާތްތަކުން އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށް ޕީކޭ ރިލީފް ފަންޑު ކޮމެޓީން ބުނެފި އެވެ.
އެ ކޮމެޓީގެ ފަރާތުން ވާހަކަދެއްކެވި އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެ ފަންޑަށް ފައިސާ ހޯދުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަމުންދާ ކަމުގެ ޝަކުވާ ލިބިގެން އެކަން ބެލިއިރު އެއީ ހިނގާފައިވާ ކަމެއް ކަމަށެވެ.
"މި ފަންޑުގެ ނަމުގައި ފޮށި ބަހައްޓައިގެން ފައިސާ އަތުލާފައި އެބަހުރި. އެކަން މިހާރު ވާނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައި،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ ޕީކޭ ރިލީފް ފަންޑަށް ފައިސާ ހޯދަން ބަހައްޓާފައިވާ ފޮށިތަކުގައި އެކަމުގައި ބައިވެރިވާ ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ސްޓޭމްޕް އެ ފޮށީގައި ޖަހާފައި ހުންނާނެ ކަމަށެވެ. އަދި އެ ފޮއްޓާ ހަވާލުވެގެން ހުންނަ މީހާގެ އަތުގައި ކާކުކަން އަންގައިދޭ ކާޑެއް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަހައްޓާފައިވާ ފޮށިތަކާ ޒިންމާދާރު ފަރާތެއް ހަވާލުވެ ހުންނާނެ. ނަމަވެސް ބައެއް ފަރާތްތަކުން އޮޅުވާލައިގެން ފަންޑަށް ފައިސާ ހޯދުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަމުންދާތީ އެކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެން މިގެންދަނީ ބަލަމުން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފަންޑަށް މިއަދުގެ ނިޔަލަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ ފަންޑަށް ލިބޭ ފައިސާ ފިތުރު އީދުގެ ފަހުން އެ ފައިސާ ޕާކިސްތާނާ ހަވާލުކުރާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޕާކިސްތާނަށް އެހީވުމުގެ ނަމުގައި ބައެއް މީސް މީހުން އެކި ގޭގެ އަށް ގޮސް ފައިސާ ހޯދަމުންދާ ކަމަށް ވެ އެވެ. އެހެން ނަމަވެސް ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކަހަލަ އެއްވެސް މައްސަލައެއް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ