ސިހުރު ހަދާ ކަމަށް ބުނާ ތަނެއް ކަނޑިތީމުން ފެނިއްޖެ

ށ. ކަނޑިތީމުގައި "ސިހުރު ހަދާ ކަމަށް ޝައްކުކުރެވޭ ތަނެއް" ފެނިގެން އެ ރަށުގައި ސިހުރު ހަދަމުންދާ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.
ސިހުރުހަދާ ކަމަށް ބެލެވޭ ސަރަހައްދު ފެނިފައިވަނީ އެ ރަށުގެ ދެކުނު ފަރާތު ވަލު ތެރެއިން، އެ ރަށުގެ އުމުރުން ދުވަސްވީ ފިރިހެނަކަށް ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ރައީސް ނަސްރުﷲ އަބްދުލްޣަނީ މިއަދު ވިދާޅުވީ "ސިހުރު ހަދާ ކަމަށް ޝައްކުކުރެވޭ ހޮހަޅައެއް" ފެނިގެން އުޅޭ ކަމުގެ ވާހަކަތަކެއް ބައެއް މީހުންގެ ފަރާތުން އަޑުއިވިފައިވާ ކަމަށެވެ. ނަމަވެސް ރަށުގެ އެއްވެސް ފަރާތަކުން ރަސްމީކޮށް ކައުންސިލަށް އެކަން ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކީ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް އަދި ހުށަހަޅާފައެއް ނެތް. ރަށު ތެރެއިން ބަޔަކު ގޮސް ބެލިއިރު ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ މާތަކެއް ވެސް އެ ތަނަށް ޖަމާކޮށްފައި ހުރި ކަމަށް ބުނޭ،" ނަސްރުﷲ ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް ސިހުރު ހެދުމަށް ބޭނުންކުރާ ބައެއް ސާމާނު އެ ތަނުން ފެނިފައިވާ ކަމަށްވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ސިހުރުގެ ބިރުވެރިކަން ބޮޑުވެގެން އުޅޭ ކަމުގެ މައުލޫމާތެއް ވެސް ކައުންސިލަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެ ރަށުގައި ސިހުރުވެރިންގެ އުނދަގޫ ބޮޑުވެ، ބައެއް މީހުންގެ ހިތްތަކުގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށް ބުނެ ފޭސްބުކްގައި އެކަމާ ދެކޮޅަށް ގްރޫޕެއް ހަދައިގެން ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ގެންދަނީ ބަދަލުކުރަމުންނެވެ. އެ ގްރޫޕުގައި ބުނެފައިވާ ގޮތުގައި ސިހުރު ޖެހިފައިވާ ހައެއްކަ މީހަކު އެ ރަށުގައި އެބަތިއްބެވެ.
އެ ރަށުގައި ސިހުރު ޖެހިފައި ބަޔަކު ތިބި ކަމަށް ބުނާ ބުނުން ވެސް ކައުންސިލުން ދޮގުކުރެ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް މީހަކު މަރާލާފައިވާ އިރު އޭނާ މަރާލާފައިވަނީ މީހުންނަށް ސިހުރު ހެދުމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ