ވެންޓިލޭޓަރުގެ މައްސަލައިގައި ގެއްލުނު ފައިސާ އަނބުރާ ހޯދަން ޓްރާންސްޕޭރެންސީން ގޮވައިލައިފި

ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން، މި މައްސަލައިގައި ގެއްލުނު ފައިސާ އަނބުރާ ހޯދަން ގޮވައިލައިފިއެވެ.
މިކަމާ ގުޅިގެން މިއަދު ޓްރާންޕޭރެންސީއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގަ ތެރޭގައި ދިވެހި ރައްޔިތުންގެ ފައިސާއިން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށް ދިވެހި ދައުލަތުން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ގަނެފައިވާ 75 ވެންޓިލޭޓަރަށް ވެފައިވާ ގޮތުގެ ހަގީގަތެއް މިއަދާ ހަމައަށްވެސް ސާފުނުވާ ކަމަށެވެ.
އަދި މި ކަމުގައި ޖަވާބުދާރީވާނެ ފަރާތެއް ހޯދިފައި ނުވާއިރު، މި މައްސަލާގައި ތުހުމަތުކުރެވޭ 8 ފަރާތެއްގެ މައްސަލަ ޕްރޮސެކިއޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަނބުރާ ފޮނުވާލާފައިވާތީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި 8 ފަރާތުގެ މައްސަލަ ފައިލުކުރުމަކީ ޓްރާންސްޕޭރެންސީން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
ޓްރާންސްޕޭރެންސީން ބުނީ، އެ މައްސަލައަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ތިން ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވުމުން އަނބުރާ ފޮނުވާލާފައިވާތީ އަދި އެ މައްސަލަ ހަތަރު ވަނަ ފަހަރަށް ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ އޮފީހުން މީގެ ތެރެއިން 8 ފަރާތެއްގެ މައްސަލަ ދައުވާނުކޮށް އަނބުރާ ފޮނުވާލާފައިވާކަމަށެވެ.
އޭސީސީން އެ ފަރާތްތަކުގެ މައްސަލަ ފައިލްކުރުމަކީ މި މައްސަލަ ބަލާ ފިޔަވަޅުއެޅުމުގެ ސިޔާސީ ނިޔަތާއި ތަހުގީގުގެ ފެންވަރާމެދު ސުވާލު އުފެދޭ ކަމެއްކަމަށް ޓްރާންސް ޕޭރެންސީން ބެނެއެވެ.
މީގެ އިތުރުން ޓްރާސްޕޭރެންސީގެ ބަޔާނުގައި ވަނީ، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް ހަގީގަތާ ހިލާފު މައުލޫމާތު ބޭނުންކޮށްގެން ޕާފޯމަންސް އަދި އެޑްވާންސް ޕޭމަންޓްގެ ގެރެންޓީ ބެހެއްޓުމެއްނެތި ބިޑް ކޮމެޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލެޓަރު ފޯރުކޮށްދިނުމަށް އެއްބަސްވެ، އެއްބަސްވުމުގެ ޖުމުލަ އަގުގެ 90 އިންސައްތައަށްވާ ފައިސާ ދައްކާފައިވުމަކީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭކަމަށެވެ.
އެހެންކަމުން މި މައްސަލަ ބަލާ ތަހުގީގުކޮށް މިކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީކުރުވުމަށާއި ރައްޔިތުންގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން މިފަދަ މައްސަލަތައް ބަލާ ތަހުގީގުކުރުމުގައި ޒިންމާ އުފުލަމުންދާ މުއައްސަސާތަކުން އަމިއްލަ މަސްލަހަތާއި ދެބަސްވުންތައް އެއްފަރާތްކޮށް އާއްމު މަސްލަހަތު އިސްކޮށް، ނަޒާހާތްތެރިކަމާއެކު މަސައްކަތްކުރުމަށް ޓްރާންޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.
އެގޮތުން ވެންޓިލޭޓަރު ކޮރަޕްޝަނުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ފައިދާވެފައިވާ ފަރާތްތައް ދެނެގަނެ ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަކީ ރާއްޖޭގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް މި ޖަމުއިއްޔާއިން ވަނީ ބުނެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.
އެއްބަސްވުމުގައި ހެލްތް މިނިސްޓްރީން ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.
އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް މިދިޔަ އަހަރުގެ މެއިމަހު ނޯޓިސް ފޮނުވާފައި ވީނަމަވެސް މިހާތަނަށް އެކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ