100 އަށްވުރެ ގިނަ ފުލުހުން ނުކުމެ، ވިއެޓްނާމްގެ އެންމެ ނުރައްކާތެރި ޑުރަގް ރާނީ ހައްޔަރުކޮށްފި

ވިއެޓްނާމްގެ ފުލުހުން ހައްޔަރުކުރަން އެންމެ އުނދަގޫ އެއް ކްރައިމް ބޮސް ނުވަތަ އެ ގައުމުގެ ޑުރަގް ރާނީ ވޫ ހޯއަންގް އޯއަން ހައްޔަރުކޮށްފި އެވެ.
2000 ވަނަ އަހަރު މަރާލާފައިވާ ވިއެޓްނާމްގެ ކުރީގެ އަންހެން މާފިއާ ބޮސްއެއް ކަމަށްވާ ޑަންގް ހާ ގެ ދައްތަ، އުމުރުން 65 އަހަރުގެ ވޫއަކީ ވިއެޓްނާމްގައި އެންމެ ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރަމުން އަންނަ އަންހެން ގޭންގު ލީޑަރެވެ.
އެގޮތުން އޭނާއަކީ ތައިލެންޑާއި ލާއޯސް އަދި މިޔަންމާ ގުޅޭ ސަރަހައްދު ކަމަށްވާ “ގޯލްޑަން ޓްރައިއެންގަލް” އިން ވިއެޓްނާމަށް އެތައް ސަތޭކަ ކިލޯއެއްގެ ހެރޮއިން، އެކްސްޓަސީ އަދި މެތަމްފެޓަމިން އެތެރެކޮށް ވިޔަފާރި ކުރާ ނެޓްވޯކުގެ މޭސްތިރިއާ ކަމަށް ބެލެވޭ މީހާ އެވެ.
ވޫ ހައްޔަރުކުރަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރެފައިވާ އިރު، ނަމަވެސް އޭނާ ހައްޔަރުކުރަން ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ހިންގި ހުރިހާ އޮޕަރޭޝަނެއް ވަނީ ނާކާމިޔާބުވެފަ އެވެ. އެގޮތުން ކަމާބެހޭ އިދާރާތަކަށް ފިލަންވެގެން ވޫ އުޅުނީ އަމިއްލަ ގައުމު ދޫކޮށް ފިލައިގެންނެވެ. ނަމަވެސް ވިއެޓްނާމުން ބޭރުގައި ހުރެެވެސް އޭނާގެ ޑުރަގް ވިޔަފާރި އެ ގައުމުގައި ދިޔައީ ހިންގަމުންނެވެ.
ވިއެޓްނާމްގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީ (ވައިސް)ގެ ރަސްމީ ނޫހުގެ މި ހަފުތާގެ އަދަދުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވޫ ހައްޔަރުކުރެވުނީ ފަސް ހަފުތާއަށް ދެމިގެންދިޔަ ބޮޑު އޮޕަރޭޝަނަކަށްފަހު މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ. އެ އޮޕަރޭޝަންގައި ވިއެޓްނާމުގެ 100 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި އިރު، ޖުމުލަ 29 މީހަކު ހައްޔަރުކޮށް 130 ކިލޯއަށް ވުރެ ގިނަ ޑުރަގް ވަނީ އަތުލައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ