އަންނަ އަހަރުގެ ބަޖެޓުގައި ބްރިޖާއި ޓަނަލް އަޅަން 799 މިލިއަން ރުފިޔާ

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ބުރިޖާއި ޓަނަލް އަޅަން 799 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް, ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ދަތުރުފަތުރުގެ ބިނާރީ ތަރައްގީއަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ، ވަނީ ކަނޑައަޅާފައިވެއެވެ. މިދިޔަ އަހަރު މި މަސައްކަތްތަކަށް ޖުމްލަ ހަތަރު ބިލިއަން ރުފިޔާ، ސަރުކާރުން ކަނޑައެޅިއެވެ. މީގެ ތެރޭގައި ބުރިޖާއި ޓަނެލް މަޝްރޫއުތަކަށް ހާއްސަކޮށްފައިވާ ބަޖެޓު ވެސް ހިމެނެއެވެ. އަންނަ އަހަރަށް ބުރިޖުތަކާ ޓަނެލް އެޅުމަށް ހާއްސަކޮށް 799 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިދިޔަ އަހަރު މި މަޝްރޫއުތަކަށް ސަރުކާރުން ކަނޑައެޅީ 688 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ބަޖެޓުގައި އެއާޕޯޓު މަޝްރޫއުތަކަށް ދެ ބިލިއަން ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 541 މިލިއަން ރުފިޔާ މި މަޝްރޫއުތަކަށް ކަނޑައަޅާފައިވެއެވެ. އަދި ބަނދަރު މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި 313 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއުތަކަށް 393 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓު ފޮތުގައި ހިމަނާފައިވެއެވެ. މަގުތަކާއި ހައިވޭތަކަށް މި އަހަރު 303 މިލިއަން ރުފިޔާގެ ބަޖެޓެއް އެކަށައަޅާފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި މަގުތަކާއި ހައިވޭތަކުގެ މަޝްރޫއުތަކަށް 556 މިލިއަން ރުފިޔާ ހަރަދުކުރުމަށް ލިޔެފައިވެއެވެ. އަދި ކަނޑުގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް މިއަހަރު ތިން މިލިއަން ރުފިޔާ ހަމަޖައްސާފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކަނޑު ދަތުރުފަތުރު ނިޒާމަށް 89 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވެއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ހުށަހަޅަން ނިންމާފައިވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.4 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. ސަރުކާރުން މި ބަޖެޓު މަޖިލީހަށް ހުށަަހަޅައިފައިވާއިރު ކަނޑުއަޑީގައި ރަސްމާލެއަށް ދެވޭ ޓަނަލެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރެކެވެ. ނަމަވެސް އެ ފަދަ ޓެކްނޮލޮޖީއެއް އަދި ނެތްކަމަށް މީގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ. އެހެންވެ އެ ކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މާލެއާއި ވިލިނގިލި ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ