މައާފަށް އެދުމަށްފަހު ފަތޯ؛ "ހެދުނު ގޯހުގެ ފުރިހަމަ ޒިންމާ ނަގަން"

ގައުމީ ޓީމުން ބޭރުކުރި މައްސަލައިގައި މައާފަށް އެދޭކަމަށާއި ހެދުނު ގޯހުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު އަހްމަދު އައިހަމް (ފަތޯ) ބުނެފިއެވެ. ގައުމީ ފުޓުބޯޅަ ސްކޮޑުން އައިހަމް ވަކިކުރީ ގައުމީ ޓީމުގެ ރަސްމީ ފަރިތަކުރުންތަކުގައި ބައިވެރިނުވާތީއާއި, ހުއްދަ ނުހޯދާ ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ސަބަބުންނެވެ. އައިހަމް އާއި ގައުމީ ޓީމު މައްސަލަ ޖެހުނީ ހއ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތުގައި އުފަން ރަށް އުތީމު ޓީމަށް ކުޅުނު ހިސާބުން ފެށިގެންނެވެ. އެކަމާ ގުޅިގެން އައިހަމް ވަނީ މައާފަށް އެދި ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އައިހަމް ވަނީ ކަންކަން ކުރެވުނީ ރަނގަޅަކަށް ނޫންކަމަށް ބުނެފައެވެ. އަދި މިއީ ޕްރޮފެޝަނަލް ކުޅުންތެރިއަކު އަމަލުކުރަންޖެހޭ ގޮތެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން އެފްއޭއެމް އާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން އަދި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭކަމަށާއި ހެދުނު ގޯހުގެ ފުރިހަމަ ޒިންމާ އޭނާ އަމިއްލައަށް ނަގާ ކަމަށް އައިހަމް ވަނީ ބުނެފައެވެ. "އަމަލުތައް ބެހެއްޓުނީ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާ އެއްގޮތަކަށް ނޫން، ގޯހާއެކު އަގުހުރި ފިލާވަޅެއް ދަސްވެއްޖެ," އައިހަމްގެ ބަޔާނުގައިވެއެވެ. އައިހަމް ވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗާއި ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަކަަޕުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ