ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ޝާމިލު މުޖުތަމަޢެއް ބިނާކުރުން ފަދަ ކަންކަމުގައި ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހީންގެ ކިބައިގައި ވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުޢޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ޤައުމާއިގެން ކުރިއަށްދިއުމަކީ، މުސްތަޤުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަމިއްލަ މަސައްކަތުން އަމިއްލަ އަސާސީ ކަންކަން ފުއްދުމުގެ ޝަރަފުވެރި ފުރުޞަތަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން އެފަދަ ފަރާތްތަކަށް ބައްލަވާ އިޙުސާންތެރި ނަޒަރާއި، އެ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިސްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއަދު ރާއްޖެ މިސްރާބުވެފައިވަނީ، އެންމެން ބައިވެރިވާ، އެކަކުވެސް ބާކީ ނުވާ މުޖުތަމަޢެއް ބިނާކޮށް، ހުރިހާ މާނައެއްގައި ދިވެހީންގެ ޤައުމެއް ބިނާކުރުމާ ދިމާއަށްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، އެޗް.ޑީ.ސީގެ ވަޒީފާއާ ގުޅިވަޑައިގެންނެވި، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ، އެޗް.ޑީ.ސީގެ ވެބްސައިޓްގެ އެކްސެސިބިލިޓީ ފީޗަރއެއް ކަމަށްވާ، އޭ.އައި ބޮޓް "މިތުރު" ތަޢާރަފުކުރައްވާފައެވެ. އެ ބޮޓް މެދުވެރިކޮށް، ވެބްސައިޓްގެ ތަޖުރިބާ މުއްސަނދިވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.
ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ