އިންޓެގްރޭޓެޑް އިސްލާމިކް ފައިނޭންސްގެ ޗެމްޕިއަންކަމުގެ އެވޯޑް އެމްއައިބީއަށް

ސީއެފްއައިކޯއިން ދޭ "ޗެމްޕިއަން އޮފް އިންޓެގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026" އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ލިބިއްޖެއެވެ. މި އެވޯޑަކީ އިސްލާމީ ބޭންކިންގެ ދާއިރާގައި އެމްއައިބީން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު ވަޒަންކޮށް ދީފައިވާ އެވޯޑެއް ކަމަށް އެ ބޭންކުން ބުނެއެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ގޮންޖެހުން ބޮޑު ޖިއޮގްރަފީއެއް އޮތްކަމުގައި ވިޔަސް އެމްއައިބީއިން ވަނީ މި ގޮންޖެހުންތަށް ގިރާކޮށް ނަތީޖާ ނެރެދީފައެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ޚިދުމަތަކަށް އެދުމުގެ މަގުފަހިކޮށްދީފައެވެ. އަދި، އަތޮޅުތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކާމިޔާބީ މި އެވޯޑު ދިން ސީއެފްއައިކޯއިން ވެސް ފާހަގަކޮށްފައިވެއެވެ. އެ ބޭންކުން ހާމަކުރި ގޮތުގައި އެމްއައިބީގެ ސްޓްރެޓެޖީ ބިނާވެފައިވަނީ ޝަރީޢާ ހިންގުމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް އީޖާދާއި ސީދާ ބޭންކިން ޚިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ މައްޗަށެވެ. މި ކާމިޔާބީ ދައްކުވައިދެނީ ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުމެވެ. އެގޮތުން، މިދިޔަ އަހަރު ބޭންކުގެ ޖުމުލަ އެސެޓް 16.63 ބިލިއަން ރުފިޔާއަށް އެރި ކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން މި އެވޯޑުދިނުމުގައި ފާހަގަކޮށްފައިވަނީ ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް ހިއްސާދާރުންގެ ޑައިވާސިފައިޑް ބޭސްއަކާ އެކު އެމްއައިބީގައި ޤާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި، ޝަރީޢާ އަދި ބޯޑް ފެންވަރުގެ ވަރުގަދަ އޯވަސައިޓް ނިޒާމުތައް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި، ޑިޖިޓަލް ބޭންކިން، ސެލްފް ސާވިސް ވަސީލަތްތައް، ރިމޯޓް އޮންބޯޑިން، އަދި ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓްތައް ވެސް މި އެވޯޑުގައި ބަލައިގެންފައިވާ ކަމަށް އެމްއައިބީން ހާމަކުރެއެވެ. މީގެ ކުރިން އެމްއައިބީން ވަނީ ބޭންކިން ދާއިރާގެ މަޝްހޫރު އެތައް އެވޯޑެއް ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ވިސާ ކޮމާޝަލް ސޮލިއުޝަންސް އެކްސެލެންސް އެވޯޑް ފޯ ބެސްޓް ބިޒްނަސް ޑެބިޓް އިޝުއާގެ އިތުރުން، އިސްލާމިކް ބޭންކް އޮފް ދަ ޑެކޭޑް، އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ، އަދި 10 ވަނަ އައިއެފްއެސްއޭ އެވޯޑްސް 2025 ގައި އިސްލާމިކް ބޭންކް އޮފް ދަ އިޔާ ހާސިލުކުރުން ހިމެނެއެވެ. މީގެ އިތުރުން ވެސް މާކެޓުގައި އެމްއައިބީ އޮތް މަގާމު އިތުރަށް ވަރުގަދަކޮށްދިނީ 11 ވަނަ އިރްބާ އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އިސްލާމިކް ރީޓެއިލް ބޭންކް 2025 އެމްއައިބީން ހާސިލުކުރުމާއި، ރާއްޖޭގެ އެންމެ މޮޅު ޑިޖިޓަލް ބޭންކިން އިނިޝިއޭޓިވް އެވޯޑް ވެސް ހާސިލުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ