ޑައިމަންޑް ޖުބިލީ މުބާރާތުގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް

އަންނަ މަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މުބާރާތުގެ ގުރު ނެގުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. އަދި މި މުބާރާތް އިންތިޒާމުކުރާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤެވެ.
މި އެއްބަސްވުމުގެ ދަށުން މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ. އަދި މުބާރާތާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި އެނޫންވެސް މައުލޫމާތުތައް، ޕީއެސްއެމް ނިއުސް އިން އެންމެ ތާޒާކޮށް ބެލުންތެރިންނާއި ކިޔުންތެރިން އަދި އެހުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.
ޖުމްލަ ހަތަރު ގައުމަކުން ވާދަކުރާ މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް، މާލޭގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އަފްޣާނިސްތާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅޭނީ ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި އަފްޣާނިސްތާނެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ