ނޫސްވެރިކަން ކޮށްގެން އަދަބު ނުދޭކަމަށް ވިދާޅުވެ ތަރުޖަމާނު ހަގީގަތް އޮޅުވާލަނީ

އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ޖަލަށް ހުކުމްކުރީ ނޫސްވެރިކަން ކޮށްގެން ނޫން ކަމަށް ވިދާޅުވެ، މައްސަލައިގެ ހަގީގަތް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު އޮޅުވާލަން މަސައްކަތް ކުރައްވައިފި އެވެ.  
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިރާސީން މުހައްމަދު ޝާބިން ސުވާލުކުރީ، ލީވާން އާއި ޝަހުޒާން ޖަލަށް ހުކުމްކުރި ފަހުން ގިނަ ބަޔަކު ގެގު އަމުރާ ހިލާފުވެފައިވާ ކަމަށާއި ނަމަވެސް އިތުރު މީހަކު ޖަލަށް ނުލައި ހަމައެކަނި ދެ ނޫސްވެރިޔަކު ޖަލަށް ލުމަކީ އިންސާފުވެރި ކަމެއްކަމަށް ގަބޫލުކުރައްވަންތޯ އެވެ.
ސީދާ ޖަވާބެއް ނުދެއްވައި ތަރުޖަމާނު ވިދާޅުވީ "ނޫސްވެރިކަން ކޮށްގެން ނޫސްވެރިޔަކަށް އަދަބެއް ނުދޭ" ކަމަށެވެ. 
ލީވާން ޖަލަށްލީ މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ގެގު އޯޑަރު ނެރުނު ހަބަރު ލިޔެގެންނެވެ. ޝަހުޒާން 15 ދުވަހަށް ޖަލަށް ހުކުމްކޮށް ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އޭގެ ކުރީ ދުވަހު (މެއި 11) ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒާ ކުރި ސުވާލާ ގުޅިގެންނެވެ. 
ލީވާން ލިޔުނު ހަބަރާއި ޝަހުޒާން ކުރި ސުވާލު ކޯޓު އަމުރާ ހިލާފު ކަމަށް އަވަސް އަރުވާލައިގެން ކޯޓުން ހުކުމް ކުރި ނަމަވެސް، އެ ކޯޓު އަމުރާ ހިލާފަށް ވާހަކަ ދައްކަމުން ގެންދާ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންގެ ޝަރީއަތްތައް ހިންގައި ހުކުމެއް ނުޖަހަ އެވެ. 
އެފަދަ މައްސަލައެއް އަމިއްލަ ފަރާތުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސްފައި އޮތަސް އެ ޝަރީއަތްތައް ހިންގަން ތާވަލެއް ނުކުރެ އެވެ.
ކޯޓު ހުކުމްތަކާއި ޖަލު ގޮޅިން ނޫސްވެރިންގެ ދޫތައް ބަންދުކޮށް، ގަލަންތަކުގެ ދެލި ހިއްކާނުލެވޭނެކަން ރައީސް މުހައްމަދު މުއިއްޒަށާއި، ޕްރޮސިކިއުޓަ ޖެނެރަލް އައްބާސް ޝަރީފަށާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މިހާރު ރަނގަޅަށް އެނގިވަޑައިގަންނަވާނެ
މި މައްސަލައާ ގުޅިގެން ޝާބިން ކުރި ސުވާލުގައި ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުން މިފަހަރު ނެރެފައިވާ އަމުރަކީ މީގެ ކުރިން ނެރޭ އަމުރުތަކާ ހިލާފަށް، ހުރިހާ ރައްޔިތުންގެ މައްޗަށް ހިނގާ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށެވެ. 
މި އަމުރާ ހިލާފުވެގެން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި، ހަމައެކަނި ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާނާއި ލީވާން ޖަލަށްލުމަކީ އިންސާފުވެރި ގޮތެއްތޯ ތަކުރާރުކޮށް ސުވާލު ކުރިއެވެ. ނަމަވެސް، އިންސާފު ގާއިމުކުރާ ދާއިރާއާ މެދު ބަހެއް ވިދާޅުވާން ބޭނުން ނުވާކަން އަތުގެ އިޝާރާތާއެކު ތަރުކަމާނު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ އަސާސެއް،" އޭނާ ވިދާޅުވި އެވެ. 
އޭނާއަކީ ސަރުކާރުގެ ތަރުޖަމާނު ކަމަށާއި، ޖުޑިޝަރީގެ ތަރުޖަމާނެއް ނޫން ކަމަށް ވިދާޅުވެ ސުވާލަށް ޖަވާބު ދެއްވުމުން ރެކިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ