ކިންގްސް ކަޕް: އެމްޓީސީސީ އާއި އެސްޓީއޯ އިން މުބާރާތް ފެށީ ގަދަކޮށް

ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ފެށުން ކްލަބް އެމްޓީސީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ވަރުގަދަކޮށްފިއެވެ. މުބާރާތުގައި އެންމެ ވަރުގަދަ ސްކޮޑެއް އޮތް އެއް ޓީމުގެ ގޮތުގައި ބެލެވޭ އެމްޓީސީސީން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި އުތީމު އަތުން 4-1 ގެ ބޮޑު މޮޅެއް ހޯދާފައެވެ. މި މެޗުގައި ބެންޗުން ގިނަ ކުޅުންތެރިންތަކެއް ބަދަލުކޮށްގެން ކުޅުނު ނަމަވެސް، އެމްޓީސީސީން ވަނީ ކުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ނުގެނެސް، ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އެމްޓީސީސީއަށް ލީޑު ނަގައިދިނީ މުހައްމަދު އީސާމްގެ އެހީތެރިކަމާއެކު އިސްމާއިލް ވަޖީހް (ވައްޖެ) އެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނަ އިރެއްނުވެ، އަޔާޒް އަހުމަދު ވަނީ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ހިތްގައިމު ގޯލަކާއެކު އެމްޓީސީސީގެ ލީޑު ފުޅާކޮށްދީފައެވެ. ކިންގްސް ކަޕް 2026 ގައި އެމްޓީސީސީ އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ އޭގެ ހަތަރު މިނެޓު ފަހުން އުތީމުގެ މުހައްމަދު ސަޚާއު ވަނީ 10 މީޓަރު ޕެނަލްޓީ ރޮނގުގެވެސް މާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި ދެޓީމުގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އެމްޓީސީސީން އަލުން މެޗުގެ ކޮންޓްރޯލް ހޯދައި، 29 ވަނަ މިނެޓުގައި އަލީ ޝިޔާހު (ޝިޔާ) ޖެހި ލަނޑާއި، މެޗުގެ އެންމެ ފަހު މިނެޓުގައި މުހައްމަދު އީސާމް ކާމިޔާބުކުރި ލަނޑާއެކު އެމްޓީސީސީން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އީސާމް އަކީ ރާބަދި ޗެލެންޖުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކޯރާ ކޯރާ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ކިންގްސް ކަޕް 2026 ގައި އެމްޓީސީސީ އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މުބާރާތުގެ ދެވަނަ މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ވަނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން އަތުން 3-1 އިން ފަސޭހަ މޮޅެއް ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އެސްޓީއޯއަށް ލީޑު ނަގައިދިނީ ރާހިލް ރަޝީދެވެ. އަދި ދެވަނަ ހާފުގައި ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އީމްރާން ތަނަވަސްކޮށްދިން ފުރުސަތަކުން ރާހިލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އެސްޓީއޯގެ ފަހު ލަނޑު ކެޕްޓަން އިމްރާން އަމިއްލައަށް ކާމިޔާބުކުރިއިރު، ފުވައްމުލަކު ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހިމް ހަމްދާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ