އިސްރާއީލުން ޣައްޒާގައި ފަސް ފުލުހަކާއި 13 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ފުލުހުންގެ ފަސް އޮފިސަރުންނާއި 13 އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ އުތުރުގައިވާ ފުލުހުންގެ މަރުކަޒަކަށެވެ.
ޣައްޒާ ސިޓީން ރިޕޯޓްކުރާ ގޮތުގައި، ފުލުހުންގެ މަރުކަޒަށް ދިން މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އަލްޝިފާ ހޮސްޕިޓަލުން ބުނެފައިވަނީ މަގުމަތިން ދިޔަ އާންމު ރައްޔިތަކުވެސް މި ހަމަލާގައި މަރުވެފައިވާ ކަމަށެވެ. މި ހަމަލާގައި މަދުވެގެން 10 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ކަމަށް ބުނާ ދަނޑިވަޅެއްގައި ނަމަވެސް، އިސްރާއީލުން ދަނީ މެދުކެނޑުމެއްނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. ގައްޒާގެ ފުލުހުންގެ ޑައިރެކްޓަރޭޓުން ބުނި ގޮތުގައި އުތުރު ގައްޒާގެ އައް-ތުވާމް ސަރަހައްދުގައި ހުރި ފުލުހުންގެ މަރުކަޒަށް އިސްރާއީލުން ދެ މިސައިލް ހަމަލާ ފޮނުވާލާފައިވެއެވެ.
މިއީ ވަކި ހާދިސާއެއް ނޫން ކަމަށާއި، މިއީ ޣައްޒާގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ނިޒާމު ފުނޑުފުނޑުކޮށްލުމަށް އިސްރާއީލުން ގަސްތުގައި ހިންގާ އަމަލެއްގެ ބައެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ގައްޒާގައި އަމަންއަމާންކަން ދެމެހެއްޓުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދެއެވެ.
ފުލުހުންގެ މަރުކަޒުތަކަށް އަމާޒުކޮށް މި ހަމަލާތައް ދެމުންދަނީ، އެމެރިކާގެ ޓްރަމްޕް ޣައްޒާއާ މެދު ހުށަހަޅާފައިވާ ރޭވުންތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ޣައްޒާގައި ތިބި 10،000 ފުލުހުންގެ މުސްތަގުބަލާ މެދު މި މަޝްވަރާތަކުގައި ބޮޑެތި ދެބަސްވުންތަކެއް ހުރި ކަމަށްވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިސްރާއީލުން ފެށި މި ހަނގުރާމާގައި މިހާތަނަށް 72،775 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރެއިން 883 މީހުން ޝަހީދުކޮށްލާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުންނެވެ.
ހަމަލާތަކުގެ އިތުރުން ޣައްޒާގެ ކުޑަކުދިންނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް އަންރުވާ (UNRWA) އިން ވަނީ ބުނެފައެވެ. ބޭހުގެ ދަތިކަމާއި، މުސީބާތްތަކުގެ ސަބަބުން ކުޑަކުދިންގެ މެދުގައި ހަމުގެ ބަލިތައް ފެތުރެމުންދާއިރު، އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އިސްރާއީލުން ޣައްޒާއަށް އެހީ ވެއްދުމުގައި ހަރުކަށި ހުރަސްތަކެއް ކުރިމަތިކުރަމުންދާއިރު، ފުލުހުންނަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ސަބަބުން އެހީގެ ގާފިލާތަކަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުން ވަނީ އިންތިހާއަށް އުނދަގޫވެފައެވެ. މީގެ ސަބަބުން ޣައްޒާގައި އިޖުތިމާއީ ނިޒާމު ގެއްލި، އިތުރު ހައިޖާނުތަކަކަށް މަގުފަހިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ