އަޅަނީ ކިތައް ސްކޫލްތޯ ހޮސްޕިޓަލްތޯ މުހިންމެއްނޫން، އެމެރިކާ ފަދަ ތަންތާ ވެސް ބޯހިޔާވަހިކަން ފަދަ ކަންކަމުގެ ޝަކުވާ ކުރޭ: ނާޒިމް
ސަރުކާރަކުން ކޮށްދޭ ޚިދުމަތްތައް ވަޒަންކުރުމުގައި، އެ ވެރިކަމެއްގައި އެޅީ ކިތައް ސްކޫލްތޯ ނުވަތަ ހޮސްޕިޓަލްތޯ ބެލުން ކޮންމެހެން މުހިންމު ނޫން ކަމަށާއި އެ ފަދަ އަދަދުތަކަށްވުރެ ބޮޑަށް ބަލަންޖެހެނީ ގައުމުގެ ހައްސާސް ވަގުތުތަކުގައި އެ ސަރުކާރަކުން ނިންމާ ނިންމުންތަކަށް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ރާއްޖޭގައި ވެސް ބޮޑުވެފައިވާ އަސާސީ މައްސަލަތަކުގެ ކަންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ފެނާއި ނަރުދަމާ އެޅުމާއި، ބަނދަރުތައް ތަރައްގީކުރުމާއި، ސިއްހީ އަދި ތައުލީމީ ވަސީލަތްތައް ގާއިމްކޮށްދިނުމަކީ ގައުމެއް ދެމިއޮތްހާ ހިނދަކު ކޮންމެ ސަރުކާރަކުން ވެސް އަބަދުވެސް ކުރާނެ ކަންކަން ކަމަށެވެ. އަދި ބޯހިޔާވަހިކަން ފަދަ އަސާސީ މައްސަލަތަކަކީ އެމެރިކާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަބަދުވެސް އޮންނަ ޝަކުވާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. "އެމެރިކާއަށް ބެލިޔަސް އަބަދުވެސް ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ވާހަކަ ދެކެވޭ. މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަބަދުވެސް އެޖެންޑާތަކުގައި ޓައިމްލައިން ހެދި ޝެޑިއުލްކުރެވިގެން މި މަސައްކަތް ކުރިއަށްދަނީ. އަޅުގަނޑުމެން ވެސް ހަމަ އެގޮތަށް،" ނާޒިމް ވިދާޅުވިއެވެ. ނަމަވެސް، ނާޒިމް ވިދާޅުވީ، ގައުމެއްގެ ތާރީޚު ލިޔެވިފައި އޮންނަނީ އެޅޭ ސްކޫލްތަކުގެ އަދަދަކުން ނޫން ކަމަށާއި، އެއީ ގައުމުގެ ސިޔާސަތުތަކާއި ހައްސާސް ދަނޑިވަޅުތަކުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށެވެ. އެގޮތުން، ގައުމު ދަރަނިވެފައިވާ ހާލަތެއްގައި އެ ދަރަނިން ސަލާމަތްކުރުމަކީ ތާރީޚީ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ދަރަނީގެ ވާހަކައަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ދިވެހި ތާރީޚުގައި ލިޔެވޭނީ، ދިވެހި ދައުލަތުގެ ތާރީޚުގައި މިހާތަނަށް ދެއްކި އެންމެ ބޮޑު ދަރަނި އެމަނިކުފާނު ދެއްކެވީތީއާއި، ގައުމުގެ މިނިވަންކަން ހިމާޔަތްކޮށްދެއްވާފައިވާތީ ކަމަށެވެ. "ބަނދަރު ހެދުމާއި، ހޮސްޕިޓަލް އެޅުމާއި، ސްކޫލް ބިނާކުރުމަކީ އަބަދުވެސް ހިނގަމުންދާނެ ކަންކަން. އެހެންނަމަވެސް ހައްސާސް ދަނޑިވަޅުތަކުގައި ގައުމަށްޓަކައި ނިންމަވަންޖެހޭ ނިންމެވުންތައް ކެތްތެރިކަމާއި ސާބިތުކަމާއެކު ނިންމެވުމަކީ ގައުމަށް ވަފާތެރި ލީޑަރުންގެ ސިފައެއް،" ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ގައުމުގެ މުސްތަގްބަލާ މެދު ގޮތް ނިންމާއިރު ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އަދި، މީގެ ކުރިން ފެނިފައިވާ ޖީއެމްއާރަށް އެއާޕޯޓު "ވިއްކުމާއި" އަދި "ކަނޑު ވިއްކުން" ފަދަ ފިކުރުތަކަށް މި ގައުމުގައި ދެން ފުރުސަތު ދެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ. މި ސަރުކާރުގައި މިހާތަނަށް ވަނީ ބޮޑު ދެ ދަރަންޏެއް ދައްކައިފައެވެ. އެ ގޮތުން، މި އަހަރު މިހާތަނަށް ވެސް އެއް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައިވާއިރު، މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއާއެކު މާލީ ގޮތުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައި އޮތް ރާއްޖޭގެ އިގުތިސާދު ނާޒުކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ