ކަރެކްޝަނަށް އެސިސްޓަންޓް ކޮމިޝަނަަރެއް އައްޔަންކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެފި
ކަރެކްޝަންސްއަށް އެސިސްޓަންޓް ކޮމިޝަނަރެއް އައްޔަންކުރުން ވަގުތީގޮތުން މަޑު ޖައްސާލަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކޮށްފިއެވެ. ފާހަގަކުރެވޭ ގޮތުގައި ކަރެކްޝަންސްގެ އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު އާސިފް މަގާމުން ވަކިކުރީ، އަށް މަސް ދުވަސް ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު މިދިޔަ ބުދަ ދުވަހުގައެވެ. ކަރެކްޝަންސްއިން އާސިފް ސަސްޕެންޑްކުރީ އޭނާ އޭރު އިސްކޮށް ހުންނެވި ޕްރިޒަންސް ކްލަބްގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓްތަކަށް ޖަމާކުރި މައްސަލައެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލައިގައި މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް ހުރީ ސަސްޕެންޝަންގައެވެ. އެއަށް ފަހު މިދިޔަ ހަފުތާގައި ވަޒީފާއިން ވަކި ކުރީއެވެ. ސިވިލް ކޯޓުގައި އާސިފްގެ ފަރާތުން އެދުނީ އޭނާ ކުރިން އަދާކުރަމުން ދިޔަ ވަޒީފާއަށް ދާއިމީ މުވައްޒަފަކު ނުނެގުމަށާއި، ތިންވަނަ ފަރާތެއްގެ ހައްގު އެ މަގާމުގެ މައްޗަށް އުފަންވެދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، އެފަދަ ކަމެއް ކުރަމުންދާ ނަމަ އެ ކަމެއް ވަގުތުން ހުއްޓާލުމަށާއި، މި މައްސަލައިގައި ޝަރީއަތުން ކުރާ ހުކުމް ތަންފީޒުކުރުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކަރެކްޝަންސްގެ މައްޗަށް އަންގައި ޣައިރު ހާޒިރުގައި މި އަމުރު ނެރެދިނުމަށެވެ. އާސިފްގެ ފަރާތުން ބުނީ، އޭނާ ވަޒީފާއިން ވަކިކުރީ ބަލަން ޖެހޭ ކަންކަން ނުބަލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށާއި އެހެންވެ، އޭނާ ވަޒީފާއިން ވަކިކުރަން ކަރެކްޝަނުން ނިންމި ނިންމުން ބާތިލްކުރުމަށް އެދި ދައުވާއެއް ހުށަހެޅުމަށް ގަސްދުކުރާ ކަމަށެވެ. ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ކަރެކްޝަންސްގެ މައްޗަށް އަމުރުކުރެއްވީ، އާސިފް އަދާކުރެއްވި އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމަށް މުވައްޒަފަކު ނެގުން މަޑުޖައްސާލައި، މުވައްޒަފެއް ނަގަން މަސައްކަތްކުރާ ނަމަ އެކަން ކުރުން ހުއްޓާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ