ކައުންސިލުން އަދާ ކުރަންޖެހޭ ރޯލު އޮޅުންނުފިލާތީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކެއް އުނިވޭ: އެޗްއާރުސީއެމް

ކައުންސިލުތަކުން އަދާ ކުރަން ޖެހޭ ރޯލު އޮތީ ރަނގަޅަށް އޮޅުންނުފިލާ ކަމަށާއި އެހެންވެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކެއް އުނިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެ ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ މެމްބަރު އަހުމަދު ތޮލާލް ވިދާޅުވީ ރާއްޖޭގެ އިދާރީ ހިންގުމަށް ގެނައި ބަދަލާ ގުޅިގެން ކައުންސިލްތައް އުފެދިފައިވީ ނަމަވެސް، ކައުންސިލްތަކަށް އެ ފަރާތުގެ ރޯލް އަދިވެސް ސާފު ނުވާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ދޭން ޖެހޭ ބައެއް ހިދުމަތްތައް ނުދެވި، ބައެއް ހައްގުތައް އުނިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވި ގޮތުގައި ރަށްރަށުގައި އެންމެ ގިނައިން ކުރިމަތިވާ ކަރަންޓު ކެނޑުމުގެ މައްސަލަތައް ހައްލު ކުރުމުގައި ވެސް ކައުންސިލުންނާއި ކަރަންޓު ދޭ ޔުޓިލިޓީސްއިން އަދާ ކުރަން ޖެހޭ ދައުރު ބައެއް ފަހަރަށް އޮޅިގެންދެ އެވެ. އެހެން ކަމުން ރައްޔިތުންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކުރުމުގައި ކައުންސިލުން އަދާ ކުރަން ޖެހެނީ ކޮން ދައުރެއްތޯ ބަލައި އެކަންތައްތަކަށް އިސްކަމެއް ދިނުމަށް އެޗްއާރުސީއެމުން ބުނެ އެވެ.
ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް ވިދާޅުވީ މިދިޔަ މަހު ރާއްޖޭގައި އާއްމުވެގެން ދިޔަ ޑެންގީ ހުން ކޮންޓްރޯލް ކުރުމުގައި ވެސް ކައުންސިލުން އަދާކުރަން ޖެހޭ ރޯލްތައް ނޭނގުމުގެ ސަބަބުން ހުރަސްތައް ކުރިމަތިވި ކަމަށެވެ. އަދި ރަށްރަށުގައި ރޯގާ ފެތުރިފައިވާ މިންވަރު ބަލައި، މޮނީޓާ ކުރުމުގައި ވެސް ސަރުކާރުގެ އިދާރާތަކަށް ވެސް އެ މައްސަލަ ކުރިމަތިވި ކަމަށާއި ހިންގުމުގެ އޮނިގަނޑު އޮތްގޮތުން އެ މަސައްކަތް ކުރަންޖެހޭނީ ކޮންބައެއްކަން ނޭނގި އޮޅުން އަރާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެފަދަ ބޮޑު ކަމެއް ދިމާވުމުން، އެކަން ހައްލުކުރުމުގަ އާއި މޮނީޓާ ކުރުމުގައި، ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށާއި ނަމަވެސް ޑެންގީ ހުމުގެ ރޯގާ، ކޮންޓްރޯލް ނުވެ ދިގުލައިގެން ދިޔަ އެއް ސަބަބަކީ އެއީ ކަމުގައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ރޯގާއާ ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް ކައުންސިލަށް ގުޅާލުމުން އެތަނުން ބުނާނެ މައުލޫމާތު ދެނީ މިވެނި ބައެކޭ. އަދި ބަލި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ އެހެންތަނަކުންނޭ. ހަގީގަތުގައި އެންމެންނަށް ވެސް އޮޅުން އަރާފައި ވަނީ،" ޝަމީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ