ދިރާގު ޕޭ ވޮލެޓަށް ސީބީއެމް އެކައުންޓުން ސީދާ ފައިސާ ޖަމާކުރެވޭ ގޮތް ހަދައިފި

ދިރާގު ޕޭ ވޮލެޓްތަކަށް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ބޭންކިން ޕޯޓަލް މެދުވެރިކޮށް ފައިސާ އެޅުމުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
ދިރާގާއި ސީބީއެމް ގުޅިގެން ތައާރަފްކުރި މި ހިދުމަތް ވެގެންދާނީ މުޅި ރާއްޖޭގައި ވެސް އަލަށް ބޭންކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓަކަށް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރި ނުކޮށް ފައިސާ އިން ކުރެވޭނެ ގޮތުގެ އިންތިޒާމު ގާއިމުކޮށްދިން ފުރަތަމަ ފަހަރަށެވެ.
ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި މި ތައާރަފު ކުރެވުނު ހިދުމަތުގެ ސަބަބުން ދިރާގު ޕޭގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުވައްސަސާތަކާއެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަގުބަލުގައި 'ކޭޝްލެސް' މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
ސީބީއެމްގެ ފަރާތުން އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ ޑި ދިލަން ރާޖަޕަކްސަ ވިދާޅުވީ، ދިރާގާއެކު ވެފައިވާ ޕާޓްނާޝިޕަކީ ބޭންކަށް ޒަމާނީ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ހާސިލު ކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ.
ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދޭއިރު، މިފަދަ މާޗެންޓް ތަކުން ދިރާގު ޕޭގެ ކަސްޓަމަރުންނަށް މި ހިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓު ލިބިގެންދާނެއެވެ.
ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއާ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފުކުރި އެ ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ