އެއްވެސް މީހަކު އަމިއްލަ ރަށް މަތިން ހަނދާން ނައްތާލައިގެން ނުވާނެ: ރައީސް ނަޝީދު

އެއްވެސް މީހަކު އަމިއްލަ ރަށް މަތިން ހަނދާން ނައްތާލައިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ތޮއްޑޫ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގަ ބޯހިޔާ ވަހިކަން އެންމެ ދަތި ރަށަކީ މަލޭ ކަމަށެވެ. އެހެން ނަމަވެސް ތައުލީމު ހާސިލް ކުރުން ފަދަ ޒަރޫރީ ބޭނުންތަކުގަ މީހުންނަށް މާލެއަށް ދާންޖެހިފައިވާކަމަށެވެ. އެހެން ނަމަވެސް، މާލެއަށް ހިޖުރަ ކުރިނަމަވެސް އެއްވެސް 'ކުއްޖަކު' އަމިއްލަ ރަށް މަތިން ހަނދާން ނައްތާނުލުމަށް ތޮއްޑޫ ސްކޫލުގެ ދަރިވަރުންނަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
"ރަށުގެ މަތިން ހަނދާން ނައްތަވާނުލައްވައްޗޭ. ރަށުގާ އުޅުނުހާ ގޮތާ. ރަށުގާ ކުރިހާ ކަންތަކާ. ރަށުގާ ތިބިހާ ރަހުމަތްތެރިން ދޫކޮށް ނުލައްވައްޗޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މީހުން މާލެ އަންނަނީ، ތައުލީމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ވެސް މާލޭގަ ގިނަކަމުންކަމަށެވެ.
"އެހެން ނަމަވެސް އެކަންތައްތައް އެހެން މިވަނީ މިރަށުން. ތޮއްޑޫއިން ވެސް ލިބެން ހުރި ވަސީލަތްތައް މަދުކަމުން. އަބަދުވެސް އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކަށް މިވަނީ ލާމަރުކަޒު އުސޫލުން ކަންކަން ކުރުން. ލާމަރުކަޒީ ނިޒާމުގަ ދިވެހިރާއްޖެ ހިންގުން. މި ތޮއްޑޫ ވެސް އެ ނިޒާމުގަ ހިންގުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ވަސީލަތްތައް އިތުރުކޮށް ރަށްރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނެކަމަށެވެ.
މިރޭގެ ޖަލްސާގަ ރައީސް ނަޝީދު ވަނީ ތޮއްޑޫ ސްކޫލުގެ ވަނަވަނައަށް އައި ދަރިވަރުންނަށް މަރުހަބާ ދަންނަވާ ހިއްވަރު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ