މާމިގިލީގައި ފެންވަރު ރަނގަޅު ޕާކެއް ހުޅުވައިފި

ކުޑަ ކުދިން ކުޅުމަށާއި އަދި ތަފާތު އުމުރު ފުރައިގެ މީހުން ވައިޖައްސާލައި ހިޔާލު ބަދަލު ކުރުމަށް ފެންވަރު ރަނގަޅު ޕާކެއް ހަދައި އދ. މާމިގިލީގައި އިއްޔެ ހުޅުވައިފި އެވެ. މާމިގިލީ އިރުމަތީ ފަރާތު މޫނުމަތީގައި 30،000 އަކަފޫޓުގެ ސަރަހައްދެއްގައި އެ ޕާކް ޑިޒައިންކޮށް އަދި އަމަލީ ގޮތުން ހުރިހާ މަސައްކަތެއް ކުރީ، އެ ރަށު ގެލެކްސީ އަހުމަދު ފަޔާޒެވެ. ފަޔާޒު މިއަދު ސަން އަށް ވިދާޅުވީ ޕާކް ހެދުމަށް 700،000 ރުފިޔާ ވަރު ހަރަދުވި ކަމަށެވެ. އަދި ޕާކް ތަރައްގީ ކުރުމަށް ފައިސާގެ ގޮތުން ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާމިގިލީގައި އަލަށް ހުޅުވިޕާކު..... ފަޔާޒު ވިދާޅުވީ ޕާކްގައި ކުޑަ ކުދިން ކުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ކަހަލަ ގޮތަކަށް ހުންނާނެ ކަމަށެވެ. އަދި ބޮޑެތި މީހުން އިށީނދެ ތިބުމަށް ގޮނޑި އާއި އޮނދޯލި ފަދަ ތަކެތި ހުންނާނެ ކަމަށެވެ. އަދި ވެސް ޕާކް އިތުރަށް ތަރައްގީ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ދެ ޖިންސުގެ ޒުވާނުންނާއި އެ ނޫން އުމުރު ފުރައިގެ މީހުން ކަސްރަތު ކުރުމަށް އައުޓް ޑޯ ޖިމްގެ ހިދުމަތް ވެސް ވަރަށް އަވަވަހަށް ތައާރަފު ކުރާނެ ކަމަށެވެ. އަދި އިތުރަށް ގަސް ހައްދައި ޕާކް އިތުރަށް ފެހި ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަޔާޒު ވިދާޅުވީ އޭނާ އެ މަސައްކަތް ކުރީ ހިލޭ ސާބަހަށް ކަމަށާއި އެކަން ކުރީ ރަށަށް ހިދުމަތެއްކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. އަދި އެކަމުގައި އޭނާ އަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ