މަޖިލީހާއެކު މިސްކިތްތައްވެސް ހުޅުވަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކަށްވުރެ މިސްކިތްތަކުގައި ކުރާ އަޅުކަން މާ މުހިއްމުކަމަށް ވިދާޅުވެ، މިސްކިތްތައް ވަގުތުން ހުޅުވާލުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ގޮވާލައްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި ގައުމުވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ބަލީގެ ކޭހެއް ބައިބޯ މާލޭން ފެނުމާއެކު މުޅި މާލޭ ސަރަހައްދު ލޮކްޑައުންކޮށް، ރައްޔިތުން ގޭ ބަންދުގައި ތިބޭތާ މިހާރު ދޮޅުމަސް ހަމަވާން ދަނީ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރި ފަހުން މަޖިލީހުގެ ޖަލްސާތައްވެސް ބޭއްވީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.
ނަމަވެސް ކުއްލި ގޮތަކަށް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމަށް ނިންމައި މިއަދުގެ ޖަލްސާ ފެށީ ތަޅުމަށް މެންބަރުން އެއްވެ އެވެ. މިއަދުގެ ޖަލްސާ ފެށިއިރު ތަޅުމުގައި 47 މެންބަރުން ހާޒިރުވެ ތިއްބެވި އެވެ. އޭގެ ތެރެއިން 42 މެންބަރުން ތިއްބެވީ މޭޒު ކައިރީގަ އެވެ. ދެން ތިއްބެވީ ވަކިން ގޮނޑިއެއް ކައިރިގަ އެވެ.
އެކަމާ ގުޅިގެން، ޖަމީލް މިއަދު ވިދާޅުވީ ކޮންމެ ދުވަހަކު ރައްޔިތުންނަށް އެތަކެއް އިލްތިމާސްތައް ކުރަމުންދާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މާބޮޑު ބާރެއް ނެތް ކަމެވެ.
"ރައްޔިތުންނަށް އެނގިގެން މިދިޔައީ ކޮންމެ ދުވަހަކު އެތައް ވާހަކައެއް ދައްކަމުންދާ އެޗްޕީއޭ އަކީ ސިޔާސީ ބާރުވެރި ފަރާތްތަކުން ޖަހާހާ ބެރަކަށް ނަށަން ތިބި ބައެއްކަން،" ޖަމީލް ވިދާޅުވި އެވެ.
"މަޖިލީހުން ކުރާ މަސައްކަތްތަކަށްވުރެ މިސްކިތްތަކުގައި ކުރާ އަޅުކަން މާ މުހިންމު. މިސްކިތްތައް ވަގުތުން ހުޅުވާ."
މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ