ކޯޗުންނާއި، އެކެޑަމީތަކަށް އާމްދަނީގެ އިނާޔަތް ލިބޭނެ

ކޮވިޑް-19ގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އިކޮނޮމިކް ރިލީފް ފަންޑުން ކުޅިވަރު ކްލަބްތަކުގެ ކޯޗުންނާއި އެކެޑަމީތަކަށް އެހީ ދިނުމަށް ނިންމައިފި އެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރި، ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައިވާތީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތެވެ. އަދި ބައެއް ކުޅުންތެރިން ވަނީ ސަރުކާރުން ދޭ ފައިސާ ނުލިބޭތީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ހުރިހާ ކުޅިވަރު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަފާތު ކުރުމެއްނެތި ފައިސާ ދެމުން އައި ކަމަށެވެ. އެގޮތުން މަހެއްގެ މައްޗަށް 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ޕްރެކްޓިސްތައް ކުރިއަށް ނުދާތީ މިހާރު އެ އެލަވަންސް ދިނުން މެދުކަނޑާލާފައި އޮތް އިރު ކުޅުންތެރިންގެ ޝަކުވާތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަދި ކުޅިވަރުން ލިބޭ އާއްމުދަނީގެ މައްޗަށް ބައެއް ކުޅުންތެރިން ދިރިއުޅުން ބިނާކޮށްފައިވާ އިރު މުސާރަ ނުލިބި ގިނަ ދުވަސް ވުމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. އެހެންކަމުން މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ދާދި ފަހުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ވަކި ވަކިން ބައްދަލުކޮށް އެ އެންމެންގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ. އަދި އެއާ އެކު ގިނަ އެތުލީޓުންތަކެއް ހަމައެކަނި ކުޅިވަރުގެ އާންމުދަނީއަށް ބަރޯސާވާކަން ފާހަގަ ކުރެވިފައިވާތީ އަލުން އެލަވަންސް ދޭން ފެށުމަށް މިނިސްޓަރު މަޝްވަރާ ކޮށްފައިވާ ކަމަށް ބައެއް ކުޅުންތެރިން ވަނީ ބުނެފަ އެވެ. އެކަމަކު މީގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ކުޅުންތެރިން ކަމަށާއި، ކޯޗުންނަށް ލިބޭ މުސާރަ އަކީ ވަކި އުސޫލެއްގެ ދަށުން ދެވޭ މުސާރައަކަށް ވާތީ އެ ފަރާތްތަކަށް މުސާރަ ހޯދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަންއެމްޕްލޯއިމެންޓް ބެނެފިޓް ޕެކޭޖުގައި ބައިވެރިވެވޭނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ކުޅިވަރު އެކެޑަމީތަކުގެ ތެރެއިން މި ޕެކޭޖުތަކުގައި ބައިވެރިވެވޭނީ ވިޔަފާރިއެއް ގޮތަށް ރަޖިސްޓްރީ ކުރެވިގެން ހިންގާ އެކެޑަމީތަކަށް އެކަނި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. "އެކެޑަމީތަކުގެ ތެރެއިން ފައިނޭންޝިއަލް އެސިސްޓަންސް ޕެކޭޖްގެ ތެރޭގައި ހިމެނޭނީ ވިޔަފާރިއެއް ގޮތުގައި ރަޖިސްޓްރީކުރެވިގެން ހިންގާ އެކެޑަމީތައް. ކޯޗުންނަށް އެޕްލައި ކުރެވޭ ގޮތަށް އޮތީ އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ތެރެއިން،" ޔޫތް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ. ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޫދޭން ފެށުމާ އެކު ގައުމި ޓީމުތަކުގެ ޕްރެކްޓިސްތައް ފެށުމަށް ރައްކާތެރި ގޮތްތަކަކީ ކޮބައިތޯ ބަލައި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހުއްދަތައް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ