މިހާރުން މިހާރަށް ރައީސް ވަހީދު ބާލަން ޖެހޭ: ނަޝީދު

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަގާމުން ދުރުކުރަން މިހާރުން މިހާރަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މި ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ އިސް ލީޑަރު ނަޝީދު ވިދާޅުވީ ޑރ. ވަހީދުގެ ސަރުކާރު ގެނެސްފައިވަނީ ބަޣާވާތެއްގެ ތެރެއިން ކަމަށާއި މިހާރުން މިހާރަށް ޑރ. ވަހީދު މަޤާމުން ވަކިކުރަން ޖެހޭ ކަމަށެވެ.
"ޒަމާނީ މިނިވަން ކަމުގެ ރޫހާއި ޑިމޮކްރަސީގެ އުސޫލުތައް ފަނޑުކޮށްލުމަށްޓަކައި އަނެއްކާ ވެސް ކުރީގެ ގޮތް ހިތްޕަވައިގެން، ބަޣާވާތްކޮށްގެން ރާއްޖޭގެ ވެރިކަން ހިސޯރުކޯށްގެން އެ އިން ވަހީދު ހަމަ މިހާރުން މިހާރަށް އެ ގޮނޑިން ބޭލުމަކީ އަޅުގަނޑުމެނަށް ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.
މި ދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވި ނަޝީދު ވިދާޅުވީ ރާއްޖެއަށް ގެނައި "ބަޣާވާތު" ގެ ސަބަބުން ފުލުހުންނާއި ސިފައިންގެ މުއައްސަސާ ކިލަނބުވެފައިވާ ކަމަށާއި މިއީ ތާރީހުގައި ވެސް މި ފަދަ ގޮތަށް ކަން ދިމާވި ފުރަތަމަ ފަހަރު ކަމަށެވެ.
އަދި ރާއްޖޭގެ ވެރިކަން ސާބިތުވެ ހުރެގެން ނޫނީ ނުކުރެވޭނެކަން ރާއްޖޭގެ ތާރީހުގައި ވެރިންވަނީ ދެކިފައި ކަމަށާއި އަދި ރައްޔިތުންގެ ވޯޓަކުން ނޫނީ ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.
އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ބައިވެރިވި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުންވަނީ ރައީސް ޑރ. ވަހީދަކީ " ބާޣީ" އެއް ކަމަށް ވިދާޅުވެ ވަހީދު ހައްޔަރު ކުރުމަށް ވެސް ގޮވާލާފައި އެވެ. ރައީސް ވަހީދު މަގާމުން އިސްތިއުފާ ދެއްވާ އިންތިހާބަކަށް ވަޑައިގަތުމަށް ވެސް ގޮވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ