ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމުން ރައްޔިތުންގެ ހައްގުތައް ގެއްލޭ: ޔާމީން

އެ އިރެއްގައި އޮންނަ ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ހައްގުތަކެއް ގެއްލިގެން ދާ ކަމަށް، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަ ކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި އިއްޔެ ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރެއް އޮވެގެން، އެ ޕާޓީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ "ދެން ރައްޔިތުން ކޮށްގެން ނުވާނެ އެންމެ ބޮޑު ކަންތަ"ކުގެ ގޮތުގައި ޔާމީން ވަނީ އެކަން ސިފަ ކުރައްވައިފައެވެ.
"ވޯޓު އޮޅުވާލައިގެން ނަމަވެސް، ކޮންމެ ގޮތަކުން ނަމަވެސް އަޅުގަނޑުމެން މި ތިބީ ކުރެވިފަ. އެއީ އެއްވެސް ޕާޓީއަކަށް، ޚުދު އަޅުގަނޑުމެންގެ ސަރުކާރެއް އޮވެގެން އަޅުގަނޑުމެންގެ ޕާޓީއަށްވެސް އަޅުގަނޑެއް ނޭދެން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ދޭކަށް." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނުމުން، ކިތަންމެ ރަނގަޅަށް ވެރިކަން ކުރަން ބޭނުންވާ ވެރިޔަކަށް ވެސް އެ މީހެއްގެ މަސްއޫލިއްޔަތު އޮޅޭނެއެވެ. އެހެންވެ، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނުމުން ރައްޔިތުންގެ ގިނަ ހައްގުތަކެއް ގެއްލިގެން ދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން މަޖިލީހުގައި ކަން ހިނގައި ދާ ގޮތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، އިދިކޮޅުން ސަރުކާރު ޒިންމާދާރުކޮށް، ބޮޑެތި މައްސަލަތައް މަޖިލީހުގެ ތަޅުމަށް ގެނެސް، އެ މައްސަލަތަކަށް ވާހަކަ ދައްކަން މަސައްކަތް ކުރިޔަސް އެ ފުރުސަތު ނުދޭ ކަމަށެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހަށް ކުރެވެނީ ކޮންކަމެއްތޯ؟ ރައްޔިތުންގެ މަޖިލީހުގަ އިދިކޮޅުގަ އަޅުގަނޑުމެން ތިބެގެން އަޅުގަނޑުމެންނަށް އަޑު އުފުލޭ. ބަލާލާ މީހެއް ކަމެއް ވާހެން ވެސް ނުވޭ. ރައްޔިތުންނަށް ދިމާވާ ބޮޑެތި މައްސަލަތަކުގަ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް އެޖެންޑާ ކޮށްލިޔަ ނުދޭ." ޔާމީން ވިދާޅުވިއެވެ.
"މި ގާނޫނު ހަދާ މަޖިލީހުގެ މަސްއޫލިއްޔަތަކީ ކޮބައިބާއޭ ހަމަ ހިތަށް އަރާ." ޔާމީން ވިދާޅުވިއެވެ.
މިހާރު މި ހިނގާ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 65 މެންބަރުންނާ އެކު މިވަގުތު މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތީ ވެރިކަން ކުރާ އެމްޑީޕީގެ އަތުގައެވެ. މަޖިލީހުގައި އިދިކޮޅު ކޯލިޝަން ތަމްސީލު ކުރަނީ ނުވަ މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ