އަދާލަތުން އުޅެނީ ލާދީނީ މީހުން ވެރިކަމަށް ގެންނަން: ޔާމީން

ލާދީނީ މީހުން ވެރިކަމަށް ގެންނަން އެންމެ ކުރީ ސަފުގައި އޮތީ އަދާލަތު ޕާޓީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އަދާލަތަކީ ދީނީ ޝުހުރަތު ވިއްކައިގެން އެންމެ ހަރާންކޯރުކޮށް ކަންތައް ކުރާ މީހުން ކަމަށާއި އަދި އެންމެ ލާދީނީ މީހުންނާއި، އެންމެ ލާދީނީކޮށް ވިސްނާ މީހުންނާއި މަންހަޖު ގެންގުޅޭ މީހުން ވެރިކަމަށް ގެންނަން އެންމެ ކުރީ ސަފުގައި އޮތީ އަދާލަތު ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ މިއަށްވުރެން ޖައްބާރު، ޖާހިލު ނޫނީ މިއަށް ވުރެ ރައްޔިތުންނަށް އެމީހުންގެ ނަން ކިޔާފައި ކަންކަން އޮޅުވާލާ މިއަށް ވުރެ ފައްކާ ބަޔަކު ނެތް." ޔާމީން ވިދާޅުވި އެވެ.
އަދާލަތަށް ފާޑު ވިދާޅުވަމުން ޔާމީން ވަނީ އެ ޕާޓީގެ މަގުސަދަކީ އެއްގޮތަކަށް ވެސް ދީނީ ދަރުތަސްދީ، ދީނީ ކަންކަން އޮޅުންފިލުވައިދިނުން ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ސިޔާސީ ކުރިބޯއްޓާއި ހަމައަށް ވާސިލުވުން ނޫން ދެވަނަ ދެކަމެއް އަދާލަތުގެ ނެތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
އަދާލަތުން ލާދީނީ މީހުން ވެރިކަމަށް ގެންނަން އުޅޭ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއިރު 2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ގެންނަން ހެދި ކޯލިޝަނުގައި އަދާލަތު ޕާޓީ ވެސް ހިމެނެ އެވެ. ނަމަވެސް ވެރިކަން ލިބުމަށްފަހު ޔާމީންގެ ސަރުކާރުން ކަންކަން ކުރަމުން އައި ގޮތާއި މެދު ހިތްހަމަނުޖެހި އަދާލަތު ވަނީ ފަހުން ކޯލިޝަނުން ބޭރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ