ނަޝީދު އާ އެންމެ ގުޅެނީ މަގުމަތީ ސަކަރާތް ޖަހާ މުޒާހަރާ ކުރަން: ޑރ. އިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އާ އެންމެ ގުޅެނީ މަގުމަތީ ސަކަރާތް ޖަހާ މުޒާހަރާ ކުރަން ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒު އެހެން ވިދާޅުވީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް، ބޮޑުވަޒީރުގެ މަގާމު ބޭނުންފުޅު ވާކަމަށް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާ ބޭނުންވާހާ ގޮތެއް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށާއި ކޮންމެ މީހަކު ވެސް ކުރިމަތި ލާން ވާނީ އެމީހަކަށް ވާވަރުގެ ކަންކަމާ ކަމަށެވެ.
އޭގެ އިތުރުން 24 ގަޑިއިރު ހަމައިގަ ނުހުންނަ މީހަކަށް ވަޒީރު ކަން ދީގެން ނުވާނެ ކަމަށާއި ރައީސް ނަޝީދަކީ އެއްވެސް މުއައްސަސާއެއްގެ ވެރިއަކަމަށް ބަހައްޓަން ހެޔޮވާވަރުގެ ފަރާތެއް ނޫން ކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ.
ޑރ. އިޔާޒު ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހިންގެ އަގީދާ ފުނޑު ފުނޑު ކޮށްލަން އުޅޭ ބޭރުގެ އެޖެންޓެއް ކަމަށެވެ. އަދި އޭނާ އާ މެދު ސަމާލުވާން ޖެހޭ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގައި ނަޝީދު ހުށަހެޅުއްވަނީ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވާ، 2022 ގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު ވެސް އުވާލާށެވެ. އަދި މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އުވާލަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
ރައީސް ނަޝީދުގެ މިފަދަ މެސެޖެއް ރައީސް ސޯލިހަށް ފޮނުއްވި ނަމަވެސް ރައީސް ސޯލިހުގެ ފަރާތްޕުޅުން އެކަން ޔަގީން ކޮށްދީ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. މިހާރުވެސް މަޖިލީހުގެ ދައުރު ފުޅާ ކޮށް، ސަރުކާރުގެ އެކިއެކި ކަންކަމާ ފުޅާ ދާއިރާއެއްގައި ފާޑު ވިދާޅުވަމުންވެސް ގެންދަވައެވެ. އަދި ސީދާ ސަރުކާރުން ބަސް ބުނަން ޖެހޭ ކަންކަމުގައިވެސް ރައީސް ނަޝީދު ބަސް ވިދާޅުވެފައި އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ