ހަމައިސްކޮޅަށް ތެދުވެވޭނީ އަޅުވެތިކުރުމުގެ ފަލްސަފާއާ ދެކޮޅުވެގެން: ރައީސް ޔާމީން

ބަވަނަވެފައިވާ ދުނިޔެއެއްގައި ކުޑަ ޖަޒީރާ ގައުމަކަށް ހަމަ އިސްކޮޅަށް ތެދުވެވޭނީ ބޮޑެތި ނުފޫޒުތަކުގެ އަޅުވެތި ކުރުމުގެ ފަލްސަފާއާ ދެކޮޅުވެގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާފުށީ ޖަލުގައި ހުންނަވައި އާންމު ކުރެއްވި ސިޓީފުޅެއްގައެވެ.
ރައީސް ޔާމީން ފޮނުއްވި ސިޓީފުޅުގައި ވަނީ 2013 ވަނަ އަހަރު، ދިވެހިރާއްޖޭގެ ޒައާމަތާއި އެމަނިކުފާނު ހަވާލުވެ ދިވެހިރާއްޖޭގެ އިގްތިސާދު ކޮޅަށްޖަހަދިން ކަމަށާއި ހައްލު ނުކުރެވޭނެ ކަމަށް ގިނަބަޔަކު ގަބޫލުކޮށްގެން ތިބި، ގައުމީ މަސްލަހަތާއި ގުޅުންހުރި މައްސަލަތައް ހައްލުކޮށްދެއްވި ކަމަށެވެ.
އަދި، ފުރިހަމަ ސިޔާދަތާއި މިނިވަންކަމުގައި އޮތް، ރައްޔިތުން ފަޚުރުވެރިވާ ފަދަ ގައުމަކަށް ދިވެހިރާއްޖެ ހައްދަވައިދއްވިކަން ފާހަގަކުރައްވާ ރައީސް ޔާމީންގެ ސިޓީފުޅުގައި ވަނީ މި ކަންކަކަމުގެ ނަތީޖާ އަކަށްވީ، ވާދަވެރި ސިޔާސީ ފަރާތްތަކާއި އެބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތަކާއި ގުޅިގެން އެމަނިކުފާނު ޖަލަށްލުން ކަމަށެވެ.
ބަވަނަވެފައިވާ ދުނިޔެއެއްގައި ކުޑަ ޖަޒީރާ ގައުމަކަށް ހަމަ އިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ނިކުމެގެންކަން އެންމެ ފުރަތަމަ ދުވަހުވެސް ގަބޫލުކުރެއްވި ކަމަށާއި އެ ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެކަން ހިތާއި ނަފުސުން ގަބޫލުކުރެއްވި ކަމަށެވެ.
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއްނޫން ކަމަށާއި އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށް ވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމަށްވެސް ސިޓީފުޅުގައިވެއެވެ.
އަދި އެމަނިކުފާނަށް އަނިޔާކޮށް ކުޑަގޮޅިއަކަށް ލައިގެން އުޅެނީ ކުށެއް ކޮށްގެނެއް ނޫން ކަމަށާއި ނުހައްގުން ޖަލުގައި އިންސާފު ނުދީ ބަހައްޓައިގެން އުޅެނީ ތިޔަލޮބުވެތި ރައްޔިތުންގެ ހައުގުގައި އެމަނިކުފާނު ވަކާލާތު ކުރާނެކަން ސަރުކާރަށް އެނގޭތީ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ