ވެރިކަން ބަދަލުވުމާގުޅޭގޮތުން، ހަދާފައިވާ ލަވައެއް ރައީސް ނަޝީދަށް ހަދިޔާ ކޮށްފި

ފެބްރއަރީ ހަތް ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން، މަޝްހޫރު މިއުސިކް ބޭންޑް ޓްރެފިކް ޖޭމް އިން ހަދާފައިވާ ލަވަ \\\"ބަޣާވާތް\\\" ރައީސް ނަޝީދަށް ހަދިޔާ ކޮށްފިއެވެ.
މަލޭ ސިޓީ ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭންޑްގެ މެނޭޖަރ މައުލޫމާތު ދިންގޮތުގައި މި ލަވައަކީ ހަތަރު މަސްދުވަހުގެ މަސަތްކަތެކެވެ. އަދި މިހާ ބުރަމަސަތްކަތެއް، ދިވެހި ލަވައެއް، ހެދުމުގައި މީގެ ކުރިން އެއްވެސް ބަޔަކު ކޮށްފައިނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ޓރެފިކް ޖޭމް ރާއްޖޭގައި މަޝްހޫރު ކަމެއްހޯދާފައި ވަނީ 2008 ވަނަ އަހަރު ފަސީލައިވްއާއި ޔޫކޭގެ ޖާ މިއުސިކް ގްރޫޕްއާ ގުޅިގެން ބޭއްވި މޯލްޑިވްސް ބްރޭކްއައުޓް ފެސްޓިވަލްގެ އެއްވަނަ ހޯދުމުންނެވެ. އެ މުބާރާތަށްފަހު އެ ބޭންޑަށް ވަނީ ޔޫކޭގައި ޝޯއެއް ހުށަހެޅުމުގެ ފުރުސަތު ލިބިފައެވެ. މުޖުތަމައުގައި ހިނގާ ކަންކަމާއި ސިޔާސީ އެކި މައްސަލަތަކާ މެދު ލަވަ ހަދާ މި ބޭންޑްވަނީ 2008 ވަނަ އަހަރު، ޓިވީއެމްއިން ގެނެސްދިން ދަންބެރު ޕްރޮގްރާމުގައި ކުޅެން ފުރުސަތު ލިބިފައެވެ. ނަމަވެސް އެބޭންޑުގެ ލަވަތަކުގައި ސިޔާސީ ކަންކަމާއި، ޑްރަގްސްއާއި ކޮރަޕްޝަންގެ ވާހަކަތަށް ހުރުމުން، ޓީވީއެމްއިން ވަނީ އެބޭންޑް، 2008 ވަނަ އަހަރު ނިމެންދެން ބޮއިކޮޓް ކޮށްފައެވެ.
މިއަދުގެ މިރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިހާރު މިދިމާވެފައިވާ ކަންތައްތަކުން ބިރުފަހަނަ އަޅައިދިޔުމަށް މިއުޒިކާ ޅެމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.
"އަޅުގަނޑުމެނަށް އެނގޭ ޅެމާ މިއުސިކާ އަދި އެހެންވެސް ހިޔާލުތަކާ އެކީގައި ނޫނިއްޔާ، އަޅުގަނޑުމެންގެ މިހުރި ބިރުވެރިކަން ފަހަނައަޅާދާން އަބަދުވެސް އުނދަގޫވާނެކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝިދު ވަނީ ޓްރެފިކް ޖޭމް އަށާއި، ސަރުކާރު ބަދަލު ވުމަށްފަހު އެކަމާ ބެހޭގޮތުން ލަވަ ހަދާފައި ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ