އެމެރިކާ ގްރީން ކާޑަށް ހިލޭ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ވަޒީފާ އަށް ނުވަތަ ކިޔެވުމަށް ވިޔަސް އެމެރިކާ އަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ގްރީ ކާޑަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ރާއްޖޭގައި ހުޅުވާލައިފި އެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޓީމެއް މިހާރު ރާއްޖެ އައިސް ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫގައި ރޭ ވަނީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. ސ. ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް މައުލޫމާތު ދެއްވީ ލަންކާގައި ހުންނަ ޔޫއެސް އެމްބަސީގެ ކޮންސަލް ވިލިއަމް ޑޮވާސް އެވެ. އައްޑޫގައި ބޭއްވި ބައްދަވުމުގައި ބައިވެރިވެފައި ވަނީ މަދު އަދަދެއްގެ ސްކޫލް ކުދިންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މަދު ބައެކެވެ. އެހެން ނަމަވެސް މި ބައްދަލުވުމަކީ އާންމުކޮށް ހުރިހާ ފަރާތްތަކަކަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގައި ބައިވެރި ފަރާތްތަކުން ކުރި ސުވާލުތަކަށް ވިލިއަމް ޖަވާބު ދެއްވައި، ގްރީން ކާޑަށް އެޕްލައި ކުރަން ޖެހޭ ގޮތާއި އޭގެ ފަސޭހަތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވި އެވެ. "ޑައިވާސިޓީ އިމިގްރަންޓް ވިސާ ލޮޓެރީ ޕްރޮގްރާމް 2013" ގެ ނަމުގައި ލަންކާގައި ހުންނަ ޔޫއެސް އެމްބަސީގެ ފަރާތުން ހުޅުވާލި މި ފުރުސަތުގައި އަންނަ މަހުގެ ހަތަރަކުން ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ގްރީން ކާޑަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހިލޭ ހުޅުވާލެވިފައި ހުންނާނެ ކަމަށް ޔޫއެސް އެމްބަސީން ބުންޏެވެ. އަދި ގްރީން ކާޑަށް ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން އެ ފުރުސަތު ލިބޭނީ އެމްބަސީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށް ވެސް އެމްބަސީން ބުންޏެވެ. ގްރީން ކާޑާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ މާލޭގައި ވެސް ބައްދަވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ބައްދަލުވުން އޮންނާނީ ދަރުބާރުގޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ