ވަރަށް ގިނަ ޒުވާނުން ބާކީ ވަނީ ވަޒީފާއެއް، ހުނަރެއް ނެތިގެން: ރައީސް

ވަރަށް ގިނަ ޒުވާނުން ބާކީވެގެން ދަނީ ވަޒީފާއެއް، ހުނަރެއް ނެތިގެން ކަމަށް ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ހޯރަފުށްޓަށް ވަޑައިގެން، ހުނަރު ޕްރޮގްރާމްގައި ހޯރަފުށިން ބައިވެރިވާ ޒުވާނުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސް ގިނަ ޒުވާނުންނަށް ވަޒީފާތައް ހޯއްދަވައިދެއްވުން ކަމަށެވެ. އަދި ބިދޭސީން ރާއްޖޭގައި އަދާކުރަމުންދާ ވަޒީފާތަކަށް ހުނަރުވެރި ޒުވާނުން ތައްޔާރުކުރުމަކީ ވެސް އޭގެ މުހިންމު ސަބަބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހޯރަފުށީގައި ވެސް އެކިއެކި ހުނަރުތައް ދަސްކޮށްދޭ މައިގަނޑު ޕްރޮގްރާމްތައް ހިންގަވަން ބޭނުންފުޅުވާ ކަމަށާއި ތިން މަހާއި ހަ މަހާ ދެމެދުގެ އެކިއެކި ކޯސްތައް ފުރިހަމަކޮށްގެން ކަމުގެ ހުނަރާ އެކު އިރާދަކުރެއްވިއްޔާ ގިނަ އަދަދެއްގެ ކުދިން ވަޒީފާ އަށް ނުކުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހުނަރު ޕްރޮގްރާމްގެ ހުރިހާ ބައިވެރިން ވެސް ހާޒިރީ އަށް ފަރުވާ ބަހައްޓައި ގަވާއިދުން ތަމްރީނުތަކަށް ހާޒިރުވުމަށް ރައީސް ނަޝީދު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އަދި ހޯރަފުށީގެ މި ޕްރޮގްރާމްގައި އަންހެންކުދިން ބައިވެރިވެފައިވާތީ އެކަމާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ޔުނިޓް އިފްތިތާހްކޮށްދެއްވި އެވެ. ރައީސް ވިދާޅުވީ ގައުމީ އިދާރާތަކުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކައުންސިލްތަކަށް އެހީތެރިވެދިނުން ކަމަށެވެ. ހޯރަފުށީ ކައުންސިލާ ވެސް ރައީސް ރޭ ބައްދަލުކުރެއްވި އެވެ. މިބައްދަލުކުރެއްވުމުގައި ހޯރަފުށީގެ ތަރައްގީ އަށް ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކާއި ރާވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ކައުންސިލްގެ މަސައްކަތްތައް ހިނގަމުންދާގޮތާ ބެހޭގޮތުން ވެސް ރައީސް މައުލޫމާތު ހޯއްދެވި އެވެ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދްރަސާގައި އިމާރާތްކުރާ 21 ކްލާސްރޫމްގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް މިއަދު ހެނދުނު ބައްލަވައިލެއްވި އެވެ. އެ މަދުރަސާ އަށް ކުރެއްވި މި ޒިޔާރަތުގައި ރައީސް ވަނީ މަދުރަސާގެ އިސްވެރިންނާއި މުދައްރިސުންނާ ބައްދަލުކުރައްވައި ކިޔަވައިދިނުމުގެ ކަންތައްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވާފަ އެވެ. ހޯރަފުށީ ސިއްހީ މަރުކަޒުގައި ގާއިމުކުރި ޓެލެ-މެޑިސިން ޔުނިޓް ރައީސް ނަޝީދު މިއަދު ހެނދުނު އިފްތިތާހްކޮށްދެއްވި އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އަބޫދާބީ ފަންޑުގެ އެހީތެރިކަމާ އެކު ރާއްޖޭގެ 35 ރަށެއްގައި ގާއިމުކުރާ ޓެލެމެޑިސިން ޔުނިޓްތަކަކީ ސިއްހީ ދާއިރާގައި ޒަމާނީ ޓެކްލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ދަށުން ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ފޯރުވައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވި އެވެ. މިގޮތުން ކުރިއަށްއޮތް ތަނުގައި މަދަނައިގެ ދަށުން ޔުނިވާސަލް ހެލްތް ކަވަރޭޖް ފޯރުކޮށްދިނުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން ކަމަށާއި އެކަމާ ގުޅޭގޮތުން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އެ ބިލް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ވޯޓާ ހަމައަށް ދިޔުމާ ހިސާބުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ ދާއިރާއެއްގައި ވެސް ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރެއްވުންކަން ފާހަގަކުރައްވަމުން ޓެލްމެޑިސިންގެ ޚިދުމަތް ތައާރަފްވުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވައިލެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޯރަފުށީ ސިއްހީ މަރުކަޒުގައި ޓެލެމެޑިސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މިހާ ކާމިޔާބުކޮށް ކުރިއަށް ގެންދެވިކަމަށްޓަކައި، ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލަށާއި ހެލްތު ކޯޕަރޭޝަނަށާއި ގައުމީ އިދާރާއަށާއި މިމަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ