ޔާމީން ރަޝީދުގެ މަރު: ދައުލަތުގެ ވަކީލަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ސ. ފޭދޫ، ޗަބޭލީގޭ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުގެ ވަކީލުންނާއި މެދު ފިޔަވަޅު އެޅައިދިނުމަށް އެ މައްސަލައިގެ މުއްތަހަމެއްގެ ދިފާއީ ވަކީލް އަދި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އެދިވަޑައިގެންފިއެވެ.
ދިފާއީ ވަކީލުންނާއި މެދު ފިޔަވަޅުއަޅައިދިނުމަށް މައުމޫން އެދިފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުންނާ ދެކޮޅަށް ކޯޓުގައި ސިއްރު ހެކިބަސްދިން ފަރާތްތަކުގެ ބަޔާންތައް ލީކުކޮށްލީ ދިފާއީ ވަކީލުން ކަމަށް ދައުލަތުން ތުހުމަތު ކުރުމާއި ގުޅިގެންނެވެ.
މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަސް ކޯޓުން ހަވާލުކޮށްފައިވަނީ ހަމައެކަނި ދިފާއީ ވަކީލުންނާ ކަމަށް ބުނެ، އެ ލިޔެކިޔުންތައް ސޯޝަލް މީޑިއާއަށް ލީކުވީ އެ ވަކީލުންގެ ފަރާތުން ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވެއެވެ.
ދައުލަތުން އެހެން ބުނުމާއި ގުޅިގެން، މައްސަލާގައި ހިމެނޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވަނީ ލިޔެކިޔުން ލީކުކުރެއްވި ވަކީލަކީ ކޮބައިކަން ހާމަކޮށްދޭން ދައުލަތުގެ ވަކީލުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި، އެކަން ބަލައިދިނުމަށް މައްސަލަ ބައްލަވާ ގާޒީގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ވަކި ބޭފުޅެއް ކަނޑައަޅައި އައްޔަންކުރުމެއް ނެތި އާންމުކޮށް އެފަދަ ތުހުމަތުތައްކުރުމަކީ ވަކީލުކަމުގެ ޕްރޮފެޝަނަލިޒަމް ގެއްލޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި، ދައުލަތުގެ ވަކީލުގެ ތުހުމަތުތައް ސާބިތުނުކުރެވިއްޖެނަމަ، ކޯޓުގެ ހުރުމަތް ކެނޑުގެ އަމަލެއް ކަމުގައި ބަލައި ވަކީލާމެދު ފިޔަވަޅުއަޅައިދިނުމަށްވެސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ލިޔެކިޔުންތައް ލީކުވި މައްސަލަ ބަލައިފިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުސް އޮފީހުގައި އެދިފައިވާނެ ކަމަށް ދައުލަތުން މިއަދުގެ ޝަރީއަތުގައި ވަނީ ބުނެފައެވެ. އަދި، މައްސަލައާ ގުޅިގެން ޕީޖީއަށް ފޮނުވާފައިވާ ސިޓީއެއް ދައުލަތުގެ ފަރާތުން ޝަރީއަތާ ހިއްސާކުރިއެވެ.
މިއަދުގެ ޝަރީއަތަށްފަހު މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށާއި، މައްސަލަ ދިރާސާ ކުރުމަށްޓަކައި ވަގުތުތަކެއް ނެގި ނަމަވެސް އަންނަ މަހު ހުކުމް އިއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ