ޖުރިމަނާ ފައިސާ ނުދައްކާ އޮތަސް ލައިސަންސް ނެގޭ ގޮތް ހަދައިފި

ލައިސަންސް ނެތި އުޅަނދެއް ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތް ނަމަ ވެސް ދެން ލައިސަންސް ނެގޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ މިގޮތަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ބަދަލު ކޮށް އަލުން ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މީގެ ކުރިން ލައިސަންސް ނެތި ދުއްވައިގެން ޖޫރިމަނާކޮށްފައިވާ އަދި އެ ފައިސާ ނުދައްކާހުރި ފަރާތްތަކަށް އެ ޖޫރިމަނަ ފައިސާ ނުދައްކަނީސް ލައިސަންސްދޫކޮށްފައެއް ނުވެއެވެ. ރާއްޖޭގައި ލައިސަންސް ނެގުމަށް ޝަރުތު ހަމަވަނީ 18 އަހަރުގައި ނަމަ ވެސް 18 އަހަރުން ދަށުގެ ކުދިން ލައިސަންސް ނުނަގާ ސައިކަލު ދުއްވައިގެން ގިނަ އަދަދަކަށް ޖޫރިމަނާކޮށްފައިވެއެވެ.
ރާއްޖޭގައި ބިދޭސީންނާ ދިވެހިންނަށް ވެސް ލައިސަންސް ދޫކުރަމުން އަންނައިރު އަލަށް ލައިސަންސް ނަގާ ފަރާތްތަކަށާ ބިދޭސީންނަށް ދޫކުރަނީ ވަގުތީ ލައިސަންސް ކާޑެވެ. އަދި މި ވަގުތީ ލައިސަންސް ކާޑުގެ މުއްދަތު ހަމަވުމުން އަލަށް ލައިސަންސް ހެއްދި ދިވެހިންނަށް ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ އެއް ވެސް ރިކޯޑެއް ނެތް ނަމަ ދާއިމީ ލައިސަންސް ކާޑު ދެއެވެ. ނަމަވެސް ބިދޭސީ މީހާއަށް ވަގުތީ ލައިސަންސް ކާޑުގެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ދެވޭނީ ވަގުތީ ލައިސަންސް ކާޑެއް ކަމަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ