މަޖިލީހުގައި ދެން ވައްކަމެއް ނުކުރެވޭނެ، އަޅުގަނޑު އިންނާނަން ވަރަށް ގާތުގައި: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދެން ވައްކަން ނުކުރެވޭނެ ކަމަށާއި، 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގާތުގައި އިންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ އަހުމަދު އީސާގެ ކެމްޕެއިން ލޯންޗްކުރުމަށް މިއަދު ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެދާއިރާ އަށް ވާދަކުރައްވައި އަހުމަދު އީސާއާ އެކު މަޖިލީހުގައި އިންނަވާނެ ކަމަށެވެ.
'' 19 ވަނަ މަޖިލީހަށް އެނގޭނެ ރައްޔިތުންގެ ތަރައްގީ. އެމަޖިލީހުގައި ކުޑަފަރީގެ މެންބަރާއެކު ވަރަށް ގާތުގައި އަޅުގަނޑު އިންނާނަން. އިތުބާރުކުރައްވާ ގަބޫލުކުރައްވާ އެމަޖިލީހުގައި ވަށްކަމެއް ނުކުރެވޭނެ، އަޅުގަނޑު ހުންނާނަން ގާތުގައި. އެމަޖިލީހުގައި ވޯޓެއްވެސް ނުވިއްކާނެ، އަޅުގަނޑު ހުންނާނަން ގާތުގައި.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގައި ވޯޓް ދިނުމަށް މެންބަރުން ބަރޯސާ ވާނީ އެންމެ ކަމަކަށެވެ. އެއީ ރައްޔިތުންގެ އުންމީދުތަކަށް ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ނަޒާހަތްތެރި މަޖިލީހަކަށް ކަމަށާއި އެ މަޖިލީސް ވެގެންދާނީ ރައްޔިތުންނަށް ތަރައްގީ ހޯދައިދޭނެ ވަސީލަތަކަށް ކަމަށެވެ.
އަދި ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދައިދިނުމަށް ބާރުތައް ހޯދައިދޭނެ މަޖިލީހަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ