ކޮމަންވެލްތުގެ އެސެސެމެންޓް ޓީމެއް ރާއްޖެ އައިސްފި

ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އެސެސްމެންޓް ޓީމެއް މިއަދު މެންދުރު ދިވެހިރާއްޖެއަށް އައިސްފި އެވެ. ދިވެހިރާއްޖެއަށް މިއަދު އައި ކޮމަންވެލްތު ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ ކެޓަލައިނާ ސަޕްލޯ އެވެ. މި ޓީމުގެ ދަތުރުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކާއިއެކު ބައްދަލުކުރައްވާނެއެވެ. މިއީ ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް މި އަހަރު ރާއްޖެއަށް ކުރާ ދެވަނަ ދަތުރެވެ. ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް އައީ އެޖަމާއަތުގެ މެމްބަރުކަން އަލުން ދިވެހިރާއްޖެއަށް ދެއްވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާއި ގުޅިގެން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މަޖިލިސް އިންތިހާބު އޮބްޒާވް ކުރަން ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމެއްވެސް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރިއެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަތްޕުޅަށް އަރުވާފައެވެ. ފޮރިން މިނިސްޓްރީއިން ބުނާ ގޮތުގައި ކޮމަންވެލްތާ އަލުން ގުޅުމުގެ މަސައްކަތުގައި މިހާރު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ