ބަލަމުންދާ މައްސަލައަކާ ގުޅިގެން ސީލައިފަށް ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން އަންގައިފި

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފްލެޓް ގަތުމަށް ސީލައިފް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެ ކޮމިޝަނުން އަންގައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބަދަލު ދިނުމުގެ ކަންކަން މަޑުޖައްސާލުމަށް އެޗްޑީސީއަށް އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް އައްސަދު ވިދާޅުވެފައެއް ނުވެއެވެ. އައްސަދު ވިދާޅުވީ އެ މައްސަލަ ބަލަމުންދަނީ އެ ކޮމިޝަނަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކަމަށެވެ.
ސީލައިފްގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ސީލައިފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް ހިމެނެއެވެ.
ފްލެޓް ގަތުމަށް ސީލައިފަށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދޭން އެޗްޑީސީން ވަނީ އެއްބަސްވެފައެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސީލައިފްގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 3000 ހައުސިން ޔުނިޓް ގަތުމަށްޓަކައި 203 ފަރާތަށްވުރެ ގިނަ ފަރާތުން ބުކިންގ ފީއާއި ޑައުންޕޭމަންޓް ފައިސާ ދައްކާފައިވީ ނަމަވެސް، މިހާތަނަށް އެ މަޝްރޫއު ކުރިއަށް ގޮސްފައިނުވާތީއާއި ފައިސާ ދައްކާފައިވާ ފަރާތްތަކުން އެ ފައިސާ އަނބުރާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ފައިސާ އަނބުރާ ލިބިފައިނުވާތީވެ، ސިވިލް ކޯޓުގައި އެ ފަރާތްތަކުން އެޗްޑީސީ ހިމެނޭ ގޮތަށް ދައުވާ އުފުލާފައިވާތީ، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ފަރާތްތަކާއެކު މިދިޔަ ހޯމަ ދުވަހު އެޗްޑީސީއާއި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމަކީ އެކަމުގައި ސަރުކާރާއި އެޗްޑީސީގެ އިހުލާމެއް ނެތް ކަމުގައި އެ ދެ ފަރާތަށް ގަބޫލުކުރެވުނު ކަމުގައިވީ ނަމަވެސް، އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ލިބިފައިވާ ގެއްލުން ކުޑަކުރުމުގެ ގޮތުން އެ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އެޗްޑީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ސީލައިފުން އިމާރާތްކުރުމަށް ނިންމި ހައުސިން ޔުނިޓްތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެ ފަރާތްތަކުން ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ދިނުމަށް އެޗްޑީސީގެ ފަރާތުން އެއްބަސްވެފައިވާ ކަމަށާއި އަދި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީލައިފްގެ ފަރާތުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެޗްޑީސީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ