އަދުރޭގެ ޕާޓީ ކޮންގްރެސްއަށް ޔާމީން ވަޑައިނުގެންނެވި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކުރީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ޖަލްސާއަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައެއް ނުގެންނެވި އެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ބިލޮބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ހާއްސަ ޖަލްސާއަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށް ޕީއެންސީން ކުރިން ބުނި ނަމަވެސް ޖަލްސާ ނިމުނުއިރުވެސް އެޖަލްސާއަށް އެމަނިކުފާނު ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ރައީސް ޔާމީނަށް ވަޑައިނުގެންނެވުނީ ހާލަތު އޮތް ގޮތުން ކަމަށެވެ. އެއީ އެމަނިކުފާނުގެ މައްޗަށް ދައުވާތަކެއް އުފުލި ޝަރީއަތް ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އެޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީޕީއެމް ކޯލިޝަނަށް ނާކާމިޔާބުވީ ރައްޔިތުން ވޯޓު ނުދީގެން ނޫން ކަމަށެވެ.
މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކޮށް، އަދުރޭއަށް ވަނީ ނާކާމިޔާބު ވެފައެވެ. އަދި އިންތިހާބުން ބަލިވިކަމަށް ގަބޫލު ނުކުރައްވައި، އެމްޑީޕީން އިންތިހާބު ވަގަށް ނެގީކަމަށް އަދުރޭ ވަނީ މީގެކުރިން ވެސް ވިދާޅުވެފަ އެވެ.
އިންތިހާބުތަކުން ބަލިވުމަކީ ސިޔާސީ މައިދާނުން ދުރަށްދާންޖެހޭ އަދި ޕާޓީގެ ލީޑަޝިޕް އިސްތިއުފާ ދޭންޖެހޭ ކަމެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވަނީ އެ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މިހާރު މައުމޫން އުފައްދަވަން އުޅުއްވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ މަސައްކަތް ކުރައްވާތާ ދުވަސްތަކެއް ވެފައިވާއިރު، އެ ޕާޓީ އުފައްދަން ބޭނުންވާ 3000 މީހުން ހަމަ ނުކުރެވިގެން އުޅެނީ ކީއްވެތޯ އަދުރޭ ސުވާލުކުރެއްވި އެވެ.
މައުމޫނުގެ ޕާޓީއަށް މެމްބަރުން ހަމަ ނުކުރެވިގެން އުޅުއްވާކަން ހާމަ ކުރައްވައި އަދުރޭ ވިދާޅުވީ ޕީޕީއެމް ވުޖޫދަށް ގެންނެވީ ވެސް ޔާމީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ