ނިއު ޒިލެންޑުގައި ބަޑި ގެންގުޅޭ މީހުން، ފުލުހުންނާ ހަތިޔާރު ހަވާލު ކުރަން ފަށައިފި

ކްރައިސްޓްޗާޗް (މާޗް 20): ނިއު ޒިލެންޑުގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާއާ ގުޅިގެން އެގައުމުގައި ބަޑި ގެންގުޅޭ މީހުން، އެމީހުންގެ ހަތިޔާރު ފުލުހުންނާ ހަވާލު ކުރަން ފަށައިފި އެވެ. ނިއު ޒިލެންޑުގެ ފުލުހުން ބުނި ގޮތުގައި އިއްޔެއާ ހަމައަށް 37 ބަޑި ވަނީ ގައުމުގެ އެކި ސްޓޭޝަންތަކާ ހަވާލުކޮށްފަ އެވެ. ހުކުރު ދުވަހު ދިން ހަމަލާއާ ގުޅިގެން ނިއު ޒިލެންޑުގެ ހަތިޔާރު ގެންގުޅުމާ ބެހޭ ގާނޫނަށް ބަދަލު ގެންނާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބައެއް ބާވަތްތަކުގެ ބަޑި ގެންގުޅުން މަނާ ކުރާނެ ކަމަށް ބެލެވެ އެވެ. މިދިޔަ ހޯމަ ދުވަހު އާޑާން ވިދާޅުވި ގޮތުގައި އެގައުމުގެ ހަތިޔާރުތަކާ ބެހޭ ގާނޫނަށް ގެންނާނެ ބަދަލު ކުރިއަށް އޮތް 10 ދުވަސް ތެރޭ އިއުލާން ކުރާނެ އެވެ. އަދި އެކަމަނާ ވަނީ ހަތިޔާރު ގެންގުޅޭ މީހުން އެމީހުންގެ ބަޑިތައް ފުލުހުންނާ ހަވާލު ކުރުމަށާއި ހަތިޔާރު ގަންނަން އުޅޭ މީހަކު، ގާނޫނުތައް ބަދަލު ކުރަން ދެން މަޑު ކުރުމަށް އެދިވަޑައިގެންފަ އެވެ. "ބޮޑުވަޒީރު އިއުލާން ކުރެއްވި ގޮތަށް، ފުލުހުންނާ ބަޑި ހަވާލު ކުރަން ބޭނުންވާ މީހަކަށް އަޅުގަނޑުމެން މަރުހަބާ ކިޔަން،" ނިއު ޒިލެންޑުގެ ފުލުހުންގެ ބަޔާނެއްގައިވެ އެވެ. ކްރައިސްޓްޗާޗުގެ ދެ މިސްކިތަށް ވަދެ ދިން ހަމަލާގައި 50 މީހުން މަރުވި އެވެ. އެހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހުން ހައްޔަރުކޮށް، އެކެއްގެ މައްޗަށް ވަނީ މަރުގެ ދައުވާ އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ