ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ހަތަރު ދިވެހިން ހައްޔަރުކޮށްފި

މިދިޔަ އަހަރު އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތަށް ހަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ލަންކާގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް އަޖިތު ރޯހަނާ ވިދާޅުވީ އެ ހަމަލާގެ ތަހުގީގަށް 153 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ލަންކާ އަށް ނިސްބަތްވާ ހަތަރު މީހަކުވެސް ހިމެނޭ ކަމަށެވެ. އެގޮތުން އެ ހަތަރު މީހުން ނިސްބަތްވަނީ ރާއްޖެ އަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން މި ހަމަލާގެ ތަހުގީގަށް ޔޫއޭއީގައި ތިބި ލަންކާގެ ހަ މީހަކު ވެސް ހައްޔަރުކޮށްގެން އަނބުރާ ގެނެސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަހަރުމެންނަށް އެ ހާދިސާގައި މަރުވި މީހުން އަނބުރާ ގެނެސް ނުދެވޭނެ. އެކަމަކު މި ގައުމުގެ ތަހުގީގީ އިދާރާތަކުން، މިކަމުގައި ޝާމިލުވި މީހުންނަށް ގާނޫނީ އިމުގެ ތެރެއިން އަދަބު ދިނުމަށް ފިޔަވަޅުތަށް އަޅާނެ" ރޯހަނާ ވިދާޅުވިއެވެ.
ހައްޔަރުކުރެވިފައިވާ މީހުންނާއި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާއި އަދި މިކަމާ ގުޅުންހުރި ގްރޫޕްތަކާއި އޮތް ގުޅުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ހައްދުފަހަނައެޅުމުގެ ކަންކަން ޕްރޮމޯޓް ކުރަމުންދާ ދެ މީހެއްގެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ރޯހަނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 259 މީހުން މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ