ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އިން 25 ޑޮލަރަށް ވާ ބައި ކަނޑަނީ!

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ އިންޓަނޭޝަނަލް ޕެސެންޖަރެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ގެ ގޮތުގައި 25 ޑޮލަރު މިވަގުތަށް ނުނެގޭތީ އެބައި ކަނޑާފައި ސަރުކާރަށް ފައިސާ ދައްކާ ގޮތަށް ޖީއެމްއާރުން ނިންމައިފި އެވެ.
އޭޑީސީ ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމާ ގުޅިގެން، އެ 25 ޑޮލަރުގެ އާމްދަނީ ކޮންސެޝަން ފީގެ ތެރެއިން އުނިކުރާނެ ކަމަށް ޖީއެމްއާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް ވަނީ އަންގާފަ އެވެ. މިއީ ކޮންމެ ތިން މަހުން އެއް މަހު ދައްކަން ޖެހޭ ފީއެކެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފުރާ ކޮންމެ އިންޓަނޭޝަނަލް ޕެސެންޖަރަކަށް 25 ޑޮލަރުގެ ނިސްބަތުން ކޮންސެޝަން ފީން އެބައި އުނިކުރާނެ ކަމަށް ޖީއެމްއާރުން އެންގީ ޑިސެމްބަރު 26 ގައި ކަމަށެވެ.
ޖީއެމްއާރުން ކުރިން ލަފާކޮށްފައި ވަނީ އެއާޕޯޓުން ފުރާ ކޮންމެ ޕެސެންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމުން މިއަހަރުގެ ނިޔަލަށް 25 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި ސަރުކާރަށް ދައްކާ ފައިސާގެ ތެރޭގައި އެފީ ވެސް ހިމެނޭ ކަމަށް ވެސް ޖީއެމްއާރުން ބުނެފައިވެ އެވެ.
ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ވާ ގޮތުން ޖީއެމްއާރުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް އުނިކުރެވޭނެތޯ ދެންނެވުމުން މުހައްމަދު އިބްރާހިމް ވިދާޅުވީ އެކަމާ ބެހޭ ގޮތުން ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.
ޖީއެމްއާރުން ނިންމާފައި އޮތީ ޖެނުއަރީ ،1 2012 އިން ފެށިގެން އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގާށެވެ. އެކަމަކު އެއާޕޯޓް ތަރައްގީނުކޮށް އަދި ވަކި މުއްދަތެއް ވެސް ނޭނގޭ ގޮތަށް އެފަދަ ފީއެއް ނަގަން އެއާލައިންތަކުން ބޭނުމެއް ނުވެ އެވެ. އަދި އެއާލައިންތަކުގެ ޓިކެޓްގައި އެ ފީ ހިމަނާނެ ކޯޑު ދޭކަށް ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ އިން އެއްބަސްވެފައެއް ވެސް ނުވެ އެވެ.
އެ 25 ޑޮލަރަކީ ގާނޫނާ ހިލާފަށް ނަގާ އެއްޗެއް ކަމަށާއި އަދި ސަރުކާރާއި ޖީއެމްއާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އެ ފީއާ ބެހޭ ގޮތުން ބުނެފައިވާ އަކުރުތައް ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 8 ގަ އެވެ.
އެ ހުކުމާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ މަޖިލީހުގެ ތެރެއިން ބިލެއް ފާސްކޮށްގެން އެ ފައިސާ ނަގަން މަސައްކަތްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ