ސިވިލް ސާވިސް އިން ވަކި ކުރުމުން މުޒާހަރާ ކުރި މުވައްޒަފުންނަށް ގަން އެއާޕޯޓް ކޮމްޕެނީން ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ދީފި

ސ. ގަން ބަލަހައްޓާ ޔުނިޓުން ގަން އެއާޕޯޓް ކޮމްޕެނީ އަށް ބަދަލުވާން އެދިފައިވާ މުވައްޒަފުންތަކެއް ސިވިލް ސާވިސް އިން ވަކި ކުރުމާ ގުޅިގެން، އެ ކުންފުނީގެ އޮފީސް ދޮށުގައި މުޒާހަރާ ކޮށްފި އެވެ.
"ހަވީރު"ގެ ސ. އަތޮޅު ކޮރެސްޕޮންޑެންޓް މައުލޫމާތު ދިން ގޮތުގައި ކޮމްޕެނީ އަށް ބަދަލުވުމަށް ނުވަތަ ސިވިލް ސާވިސްގައި މަޑުކުރުމަށް އިޚްތިޔާރު ދިނުމުން ޔުނިޓުގެ 151 މުވައްޒަފުންގެ ތެރެއިން ބަދަލުވާން ބޭނުން ކަމަށް ސޮއި ކޮށްފައިވާ 41 މުވައްޒަފުން ސިވިލް ސާވިސް އިން ވަކިކޮށްފައިވާކަން މިއަދު ވަނީ އަންގާފަ އެވެ. އަދި އެ މީހުން މުޒާހަރާ ކުރީ އެކަމާ މެދު ހިތްހަމަނުޖެހިގެންނެވެ.
މެންދުރު ފަހު 30: 2 ހާއިރުން ފެށިގެން މުޒާހަރާ ކުރި މީހުން ވަނީ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ދީދީ އާއި ގަން ބަލަހައްޓާ ޔުނިޓުގެ އިސް ވެރިޔާ ހައްވާ ޝިޔާމާ އޮފީސް ތެރޭގައި ހިފަހައްޓާފަ އެވެ. އަދި ކޮމްޕެނީގެ ނަން ބޯޑު ވެސް ވަނީ ތަޅާލާފަ އެވެ.
އޭގެ ފަހުން، ހަވީރު 30: 5 ހާއިރު، ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު އަހުމަދު އަދުހަމް ވަޑައިގެން، މުހައްމަދުދީދީއާ އެކު، މުޒާހަރާގެ ބައިވެރިންނާ ބައްދަލު ކުރެއްވި އެވެ. އަދި ސިވިލް ސާވިސް އިން ވަކި ކުރި ކަމަށް ބުނާ ހުރިހާ މުވައްޒަފުންނަށް ގަން އެއާޕޯޓް ކޮމްޕެނީން ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މުވައްޒަފުން ވަނީ އެ ޔަގީންކަން ލިޔުމުން ބޭނުންވާ ކަމަށް ބުނެ އިތުރަށް ވެސް މުޒާހަރާ ކޮށްފަ އެވެ. ނަމަވެސް އަދުހަމް އާއި މުހައްމަދު ދީދީ އަނގަ ބަހުން ޔަގީންކަން ދެއްވުމަށް ފަހު އެ ތަނުން ވަޑައިގަތުމުން 00: 6 ގެ ކުރިން މުޒާހަރާ ނިންމާލި އެވެ.
މުޒާހަރާ ބެލެހެއްޓުމަށް ފުލުހުން ދިޔަ އެވެ. ނަމަވެސް މުޒާހަރާ ކުރި މީހުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ނުހިނގަ އެވެ. މުހައްމަދުދީދީ އޮފީހުން ނުކުމެވަޑައިގަތީ ފުލުހުންގެ ހިމާޔަތުގަ އެވެ.
"ޖެނުއަރީ އެކެއްގައި ކޮމްޕެނީން ގަން ބަލަހައްޓާ ޔުނިޓާ ހަވާލުވުމަށް ފަހު ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް ބަދަލުވާން ބޭނުން ކަމަށް ބުނެފައިވާ މުވައްޒަފުން މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސިވިލް ސާވިސް އިން ވަކި ކުރިކަން މިއަދު އެންގީމަ އެ މީހުން ހިތްހަމަނުޖެހިގެން އުޅެނީ،" މުޒާހަރާ ކަވަރު ކުރަމުން ދިޔަ "ހަވީރު"ގެ ރިޕޯޓަރު ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޕްރޮވިންސް އޮފީހާއި މުވައްޒަފުންނާ ދެމެދު ވާހަކަ ދެކެވި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް މުވައްޒަފުން ބުނާއިރު ގަން އެއާޕޯޓް ކޮމްޕެނީ އާއި މުވައްޒަފުންނާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ހަދާފައެއް ނުވެ އެވެ.
މުހައްމަދު ދީދީ ވެސް މިއަދު "ހަވީރަ"ށް އެކަން ކަށަވަރު ކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރާ އެކު އެއްބަސްވުމެއް ހަދާފައިވާނެ ކަމަށް މުވައްޒަފުން ބުނި ނަމަވެސް އެއީ ގަން އެއާޕޯޓް ކޮމްޕެނީ އަށް "އެނގިގެން ކޮށްފައިވާ ކަމެއް ނޫން" ކަމަށެވެ.
ގަން އެއާޕޯޓު ކޮމްޕެނީން ކުރިން ވަނީ ގަން އެއާޕޯޓާއި ގަން ބަލަހައްޓާ ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސްގެ ވަޒީފާއިން ވަކިވެ ގަން އެއާޕޯޓް ކުންފުންޏާ ގުޅޭނީތޯ ނުވަތަ ނޫންތޯ އިހުތިޔާރު ކުރުމަށް ހަފުތާއެއްގެ މުއްދަތު ދީފަ އެވެ.
އެ ގޮތުން މި މަހު 3 ގައި ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ގަން އެއާޕޯޓާއި ގަން ބަލަހައްޓާ ޔުނިޓުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކޮންޓްރެކްޓް ދޫކުރަން ހަމަޖައްސައިފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓް ދޫކުރާތާ ހަތް ދުވަހުގެ ތެރޭގައި، ކޮންޓްރެކްޓް އަނބުރާ ކުންފުންޏަށް ހުށަހަޅާ ފަރާތްތަކަކީ ގަން އެއާޕޯޓް ކޮމްޕެނީއާ ގުޅެން ބޭނުންވާ މުވައްޒަފުންގެ ގޮތުގައި ބަލާނެ ކަމަށާއި ކޮންޓްރެކްޓް އަނބުރާ ހުށަނާޅާ ފަރާތްތަކަކީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ތިބެން ބޭނުންވާ މުވައްޒަފުންގެ ގޮތުގައި ބަލާނެ ކަމަށް ވެސް އެ ކުންފުނީގެ ސާކިއުލާގައި ވެ އެވެ.
"މުވައްޒަފުންނާ އެކު ކޮންޓްރެކްޓެއް ހަދާ ވާހަކަ ކޮމްޕެނީން ދައްކާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އެކަމަކު އަދި އެކަމެއް ނުވޭ،" މުޒާހަރާ ކުރި ތަނުގައި ހުރެގެން "ހަވީރު"ގެ ކޮރެސްޕޮންޑެންޓް ބުންޏެވެ. "އެކަމަކު މުހައްމަދުދީދީ ދެންމެ ވެސް ވިދާޅުވި އެކަން ކުރިއަށް އެބަ ގެންދަވަމޭ."
އަދުހަމް ވަޑައިގެން މައްސަލަ ހައްލު ކުރެއްވުމުގެ ކުރިން މުހައްމަދު ދީދީ "ހަވީރަ"ށް ވިދާޅުވެފައި ވަނީ ސިވިލް ސާވިސް އިން ވަކި ކުރި 41 މީހުންގެ ތެރެއިން 10 މީހަކަށް ކޮމްޕެނީން ވަޒީފާ ދީގެން މުސާރަ ދެވިދާނެ ކަމަށް ސަރުކާރަށް ދަންނަވާފައިވާނެ ކަމަށާއި ދެން ތިބި އެންމެންނަށް ސަރުކާރުން މުސާރައިގެ ޔަގީންކަން ދީފި ނަމަ އެ މީހުންނަށް ވެސް ވަޒީފާ ދެވިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ