މައުމޫނާއި ޔާމީން ހައްޔަރުކުރުމަށް ރައީސް އަރިހު 100 ދުވަހު ބުނެފިން: މުސްތަފާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އޭނާގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ރައީސް މުހައްމަދު ނަޝީދު އަރިހު " 100 ދުވަހު" ވިދާޅުވެފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ ބޭފުޅުން ހައްޔަރުކުރާ ވާހަކަ ދެންނެވުމުން، "ޑިމޮކްރަސީ ހިފަހައްޓަން ޖެހެއޭ" "ކުރިން އޮތީ ގައުމެއް ނޫނޭ" ރައީސް ނަޝީދު ވިދާޅުވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އެހެންވެ ކޮންމެ ފަހަރަކު އަޅުގަނޑު ޖެހެނީ އަނބުރާލާފައި އަންނަން،" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
މައުމޫނާއި ޔާމީންގެ ނަން ވިދާޅުނުވެ، އެކަމަކު އެ ބޭފުޅުންނަށް ނިސްބަތް ކުރައްވައި މުސްތަފާ ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކުރަން ޖެހެނީ ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި ކަމަށެވެ. ސިންގަޕޫރުން ލޯޑްކޮށްފައި އަރުވާ މުދާ ކަނޑުމެދުން އަނބުރާލައި ބަރުމާ އަށް ގެންދިއުމަކީ "ވައްކަންކުރުން" ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ވަގުންނަށް ސަލާމަތާއި ރައްކާތެރިކަން ލިބޭ ތަނަކީ ޖަލު ކަމަށާއި "[އެހެންވެ] އެ މީހުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި އެ މީހުން ޖަލަށް ލާން ޖެހޭ" ކަމަށެވެ.
މައުމޫން 30 އަހަރުގެ ތެރޭގައި ކުރައްވާފައިވާ ކުށްތަކުގެ ވާހަކަ ނުދައްކައި، އެ މަނިކުފާނު ރަށްރަށަށް ދަތުރުކުރައްވައި އެމްޑީޕީގެ ސަރުކާރުގެ ކުށް ދައްކަވަމުން ގެންދެވުމަކީ ލަދު ގަންނަން ޖެހޭނެ ކަމެއް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
އިންޑިއާގެ ދަ ވީކު ނޫގައި ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި އާއި ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅައިފަ އެވެ. އެ ގަރާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ