ނަޝީދު ގެންދަވަނީ ސަރުކާރަށް ގޮންޖައްސަވަމުން، އިސްތިއުފާދެއްވާ: ޖާބިރު

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު ސޮއި ކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މާލެ ލޮކްޑައުންގައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށައި ސަރުކާރަށް ގޮންޖައްސަވާފައިވާ ކަމަށެވެ. ޖާބިރު ވިދާޅުވެފައި ވަނީ ނަޝީދުގެ އެ އަމަލަކީ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބި މެންބަރުން ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް ހިންގި ޖަރީމާއެއް ކަމަށެވެ.
ސިޓީގައި ވިދާޅުވެފައިވާގޮތުގައި މި ދަނޑިވަޅަކީ ސަރުކާރަށް އެންމެ ބޮޑަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ވަގުތެވެ. އެކަމަކު ނަޝީދު 19 ވަނަ މަޖިލީސް ހިންގަވަމުން ގެންދަވަނީ ސިޔާސީ އައްޑަނައެއްގެ ގޮތުގައި ކަމަށެވެ.
ކޯވިޑާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ފަހު މިމަހުގެ26 ވަނަ ދުވަހުން ފެށިގެން ޖަލްސާތައް ކުރިޔަށް ގެންދަނީ މަޖިލީހުގެ ތަޅުމުގައި އެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖަލްސާތައް ކުރިޔަށް ގެންދަން ފެށި ކައުންސިލްތަކުގެ ދައުރު ހަމަވާތީ ދައުރު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ