ޙިޖާޒުގެ ޤާފިލާ 70

(28 މެއި ގެ އަދަދާ ގުޅޭ)
"އާޒަރު!" އޭނާ ދެވަނަފަހަރަށް ވިދާޅުވިއެވެ. ފަރަޚުޒާދު އާޒަރުމީދުޚުތުގެ ނިތްކުރިފުޅާއި މޫނުފުޅުގައި އަތްޕުޅުން ފިރުންމެވުމަށްފަހު އެކަމަނާގެ ކަނދުރާފުޅާ ހަމަޔަށް އަތްޕުޅު ގެންދަވައިފިއެވެ. އޭނާގެ ހިތްޕުޅު ބޭރަށް ތެޅެއެވެ. ނޭވާފުޅު އަވަސްވާން ފަށައިފިއެވެ. އޭނާ ވަށައިގެން ބައްލަވައިލެއްވިއިރު އެނދުދާންކޮޅުގެ އަނެއްފަރާތުގައި ކަޅުވަކަރު މޭޒުކޮޅެއްގެ މަތީގައި ރަނުގެ ގަދަހަކޮޅަކާއި ރަނުގެ ބިއްލޫރިތަށިކޮޅެއް ހުއްޓެވެ. އެތަށިކޮޅުގައި ދެތިން ކޯވަރެއްގެ ރާހުއްޓެވެ. ފަރަޚުޒާދު ގުދުވެވަޑައިގެން އާޒަރުމީދުޚުތުގެ އަނގަފުޅުގެ ވަސް ބައްލަވައިލެއްވިއެވެ. ހިނިފުޅުވަޑުވަމުން އެ މޭޒުކޮޅުމަތީގައިހުރި ރާތަށިކޮޅު ނަންގަވައިގެން އެއްނޭވާފުޅުން ހުސްކޮށްލެއްވުމަށްފަހު އެނދުދާންކޮޅުގައި އިށީނދެވަޑައިގެންފިއެވެ.
"އާޒަރު! އާޒަރުމީދުޚުތު!" އޭނާ ކަންބޮޑުވެވަޑައިގެންފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ.
ޝެހެޒާދީ ލޯފުޅު ހުޅުއްވައިލައްވައިފައި ހިނިފުޅުވަޑުވައިލެއްވިއެވެ. ފަރަޚުޒާދަށް ހީފުޅުވީ ކޮޓަރިކޮޅުގެ ފާނޫޒުގެ އަލި ފަނޑުވާން ފެށިހެންނެވެ. އޭނާ ކޮންމެވެސް ފަރުބަދައެއްގެމަތީން ހޮހަޅައެއްގެ ތެރެޔަށް ވައްޓައިލެވުނުހެންނެވެ. ޝެހެޒާދީގެ މުލައްދަނޑިފުޅުން އޭނާގެ އަތްޕުޅު ދޫވާން ފަށައިފިއެވެ. ކޮންމެވެސް އެނގިވަޑައިނުގަންނަވާ ބިރުފުޅެއްގެ ސަބަބުން އޭނާގެ ހަށިކޮޅު ރޫރޫއަޅާން ފަށައިފިއެވެ.
"އާޒަރު! އާޒަރު! ތެދަށް ވިދާޅުވާށެވެ. ކަމަނާ މި ރާއާ އެއްކުރައްވައިފައިމިހިރީ ކޮންއެއްޗެއްތޯއެވެ؟ އަޅުގަނޑުގެ އަތްފައި ބަނދެވޭން ފަށައިފިއެވެ. ކަމަނާ ވަނީ މެހުމާނުންނަށް ފޮނުއްވި ރާ ރުނބަޔަށްވެސް ކޮންމެވެސް އެއްޗެއް އަޅުއްވައިފައެވެ."
"މަނިކުފާނު މާގިނައިން ހިއްޕެވީއެވެ." އާޒަރުމީދުޚުތު ސިހިވަޑައިގެންފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ.
ސިކުންތެއްހައި އިރުކޮޅެއްގެ ތެރޭގައި ފަރަޚުޒާދުގެ ދިފާޢީ ބާރު ހޭލައިފިއެވެ. އޭނާ ޝެހެޒާދީގެ މުލައްދަނޑިފުޅުން ދޫކޮށްލައްވައިފައި ކަރުފުޅަށް ފިއްތަވާން އުޅުއްވިއެވެ. ނަމަވެސް އޭނާގެ ގައިކޮޅަކު އެއްވެސް ބާރެއްނެތެވެ. އާޒަރު އޭނާގެ އަތްޕުޅު ފޮޅުއްވައިލައްވައިފައި ތެޅިވަޑައިގަނެގެން އަނެއްފަރާތުން އެނދުދާންކޮޅުން ފައިބައިވަޑައިގެންފިއެވެ. ފަރަޚުޒާދު އަނގަފުޅުވަތަށް އެނދުދާންކޮޅުމައްޗަށް ވެއްޓިވަޑައިގެންފިއެވެ. އޭނާ ކަނދުރާފުޅު އުފުލައިލައްވައިފައި "ޒަރުބަޚުތު! ޒަރުބަޚުތު!" އެވެ މިހެން ދެފަހަރަކު ވިދާޅުވިއެވެ. ނަމަވެސް އެ އަޑުފުޅު އޮބިގެންދިޔައީ އާޒަރުމީދުޚުތުގެ ބާރު ހިނިފުޅުވެޑުވުމުގެ އަޑުފުޅުގެ ތެރެޔަށެވެ. އެވަގުތު ޝެހެޒާދީ އަތްތިލަބަޑި ޖައްސަވައިލެއްވިއެވެ. ހަމައެއާއެކު އެކަމަނާގެ ކަނީޒުން އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އެބައިމީހުނާ އެކުގައިހެން އެކަމަނާގެ އަޅެއްވެސް ކޮޓަރިޔަށް ވަދެއްޖެއެވެ. އޭނާ ފަރަޚުޒާދުގެ މުލައްދަނޑިފުޅުގައި ހިފައި ދަމައިފައި ދޫލަމައްޗަށް އެއްލައިލައިފިއެވެ.
ޝެހެޒާދީ އަޅުކަލޭގެޔާ ސުވާލުކުރެއްވިއެވެ. "ޒަރުބަޚުތު ކީއްކުރައްވަނީހެއްޔެވެ؟"
"އޭނާ ކޯރުގެ އައްސޭރީގައި އިސްތަށިފުޅަށް ފެން އަޅުއްވާން އެބައިންނެވިއެވެ."
"މެހުމާނުން؟"
"އެބޭފުޅުން ކޮޓަރިކޮޅުތަކަށް ވަޑައިގެންފިއެވެ. އެކަމަކު އެބޭފުޅުންގެ ވާހަކަފުޅުތަކުން އެބޭފުޅުންނަށް ރާގެ އަސަރުކުރާން ފަށައިފިކަން އެނގެއެވެ."
"އަހަރެން ބިރުގަންނަނީ ޒަރުބަޚުތާ މެދުގައެވެ. ބޭރަށް ފޮނުވި ރުނބައިން އޭނާއަށް އިތުރު ޖާމެއް އެރުވުނުނަމައެވެ. އޭނާ އޭނާގެ އެކުވެރީން އެތެރެޔަކަށް ނުގެންނަވާހެއްޔެވެ؟"
"އާދޭހެވެ. އޭނާ އިރުކޮޅަކު ސިޑިކައިރީގައި ހިންގަވަ ހިންގަވައި ހުންނެވިއެވެ. އެއަށްފަހު ކުއްލިޔަކަށް ދޮރާއްޓާ ދިމާޔަށް ވަޑައިގެންފިއެވެ. އަޅުގަނޑުމެން ގަސްތަކުގެ ތެރެއިން އޭނާގެ ގައިކޮޅަށް ދުނިއުކާން އުޅެނިކޮށް މަތީބުރީން ކޮންމެވެސް އަޑެއް އިވިއްޖެއެވެ. ޒަރުބަޚުތު ކުއްލިޔަކަށް ވަޑައިގެން އަޅުގަނޑުމެންގެ އެކުވެރީންނާ ސުވާލުކުރެއްވިއެވެ. މީހަކު އަހަންނަށް ގޮވިހެއްޔެވެ؟ އަޅުގަނޑުމެންގެ އެކުވެރީން އަޅުގަނޑުމެން އެއްވެސް އަޑެއް ނާހަމުއޭ ދެންނެވުމުން އިރުކޮޅެއްވަންދެން ސިޑިޔާ ދިމާޔަށް ބައްލަވަން ހުންނަވައިފައި ވަޑައިގެން ކޯރުގެ އައްސޭރީގައި އިށީނދެވަޑައިގެންފިއެވެ."
"އޭނާ އިސްތަށިފުޅަށް ފެން އަޅުއްވާނަމަ އޭނާޔަށް ކޮންމެވެސްވަރަކަށް ޝައްކުވެވަޑައިގަތީއެވެ."
އަޅުކަލޭގެ ޖަވާބު އެރުވިއެވެ. "އޭނާއަށް ޝައްކުވެވަޑައިނުގަންނަވާނަމަކަ ކަނޑިކޮޅު އުރަކޮޅަކުން ނުދެންމެވީހެވެ. އެކަމަކު ކަމަނާފާނު ފިކުރުފުޅު ނުކުރައްވާށެވެ. އޭނާ ރަނގަޅަށް ހޭފުޅު އަރައިފިނަމަ އަޅުގަނޑުގެ އެކުވެރީން އެސްފިޔަޖަހާހައި އިރުކޮޅެއްގެ ތެރޭގައި އޭނާ މަރުގެ އަވަހާރަފުޅުން އަވަހާރަލައްޕުވައިލާނެއެވެ."
އާޒަރުމީދުޚުތު ނުރުހުންވެވަޑައިގެންފައި ވިދާޅުވިއެވެ. މޮޔަޔާއެވެ. އެސްފިޔަ ޖަހައިލާހައި އިރުކޮޅެއްގެ ތެރޭގައި އޭނާގެ ތިރީސް ފަހުލަވާނުންނަށް ގަނޑުވަރުގެ އެތެރެޔަށް ވަދެވިދާނެއެވެ. އޭނާއަށް ޖެހިވަޑައިގަންނަވާނީ އެންމެ އަޑުފުޅެއް އިއްވައިލައްވާށެވެ. ގަނޑުވަރުގެ ތެރޭގައި މެހުމާނުންވެސް އެބަތިއްބެވިއެވެ. ރާގެ މަސްތު އެބޭފުޅުން ހަޅޭފުޅުލެއްވެވުން މަނައެއް ނުކުރާނެއެވެ. ކަލޭ އަވަހަށް ތިރިޔަށްދާށެވެ. ބައްތެލީގެ ފަޅުވެރީންގެ ގާތުގައި އަހަރެން ޒަރުބަޚުތު ގޮވައިގެން އެބައާދެޔޭ ބުނާށެވެ.
"ކަމަނާ......... ޒަރުބަޚުތު ގޮވައިގެން............."
ޝެހެޒާދީ ހިނިފުޅު ވަޑުވައިލެއްވިއެވެ. "މޮޔަޔާއެވެ! ކަލޭގެ ހާސްވަނީ ކޮންކަމަކާހެއްޔެވެ؟ އަހަރެންގެ ހާރު ބައްތެލިތެރެޔަށް ގެއްލުނީއެވެ. ފަޅުވެރީންގެ މަސްއޫލިއްޔަތަކަށްވާނީ ޒަރުބަޚުތު ބައްތެލީން ފައިބައިވަޑައިގެންނެވިޔަ ނުދިނުމެވެ. އެކަމަކު މިބުނީ އޭނާ ޤަތުލުކޮށްލާށެކޭ ނޫނެވެ."
އަޅުކަލޭގެ ހެމުން ބޭރަށް ނުކުމެއްޖެއެވެ.
+ + + + +
ކޯރުގެ ފިނި ފެން އިސްތަށިފުޅަށް އެޅުއްވުމުން ޒަރުބަޚުތު ކޮންމެވެސްވަރަކަށް ތާޒާވެވަޑައިގެންފިއެވެ. އޭނާ ސަންގުމަރުމަރު މަންސައިގެ މަތީގައި އިރުކޮޅަކު ހިންގަވާލެއްވުމަށްފަހު މަންސައިގެ ސިޑިމަތީގައި އިށީނދެވަޑައިގެންފިއެވެ. ރާފޮދު ހިއްޕެވުމާއެކު އޭނާއަށް އިޙްސާސްކުރެއްވުނު ބިރުފުޅު މިހާރު މަޑުމަޑުން ފިލާންފަށައިފިއެވެ. އޭނާ ހިތްޕުޅުން ވިދާޅުވިއެވެ. "ޝައްކެއްނެތެވެ. މި ރާ ވަރަށް ބާރުގަދައެވެ. މަސްތުވާ ކޮންމެވެސް އެއްޗެއް ރާޔާ އެއްކޮށްފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު އެއީ ޒަހަރު ކަމަކަށެއް ނުވާނެއެވެ. އަހަރެން ޝެހެޒާދީއާމެދު ޝައްކުކުރާކަށެއް ނުވާނެއެވެ. އެކަމަނާ ފަރަޚުޒާދާއި އޭނާގެ މެހުމާނުންނާ ސަމާސާފުޅެއް ކޮށްލެއްވީ ކަމުގައިވެދާނެއެވެ. އަހަރެން ސިފައިން އެތެރެއަށް ވެއްދިނަމަވީހީ ވަރަށްބޮޑު މޮޔަކަމަކަށެވެ." އޭނާގެ ސިކުނޑިފުޅުގެ އަރާރުން ނިމުމަކަށް އަތުވެއްޖެއެވެ. ހަމައެއާއެކު އޭނާގެ އަރިހަށް ވަރަށްބޮޑަށް އަވަހާރަފުޅު އަންނާންފަށައިފިއެވެ. ކުއްލިޔަކަށް އޭނާއަށް އިވިވަޑައިގެންނެވީ ބަޔަކު ހިނގައިފައި އަންނަ އަޑެވެ. ޒަރުބަޚުތު އަވަސްއަވަހަށް ތެދުވެވަޑައިގެން އޭނާގެ ފަހަތްޕުޅަށް ބައްލަވައިލެއްވިއެވެ. އޭނާ ހައިރާންފުޅުވިއެވެ. މިވަޑައިގަންނަވަނީ އާޒަރުމީދުޚުތެވެ. އެކަމަނާގެ އަރިހުގައި ކަނީޒަކާއި ދެއަޅުން ތިއްބެވެ. އޭގެތެރެއިން އެކަކު ހުރީ ދަންމަރެއް ހިފައިގެންނެވެ. ސިކުންތުކޮޅެއްވަންދެން އޭނާޔަށް އޭނާގެ ލޯފުޅާމެދު ޔަޤީނެއް ނުކުރެއްވުނެވެ. ޝެހެޒާދީ ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަހަރެން ހީކުރީ ތިރީގައި ތިބި އެންމެންވެސް ތިބޭނީ ނިދައިފައި ކަމަށެވެ. އެކަމަކު ކަލާއަކަށް ރާގެ އެއްވެސް އަސަރެއް ނުކުރެއެވެ. ކަލާއަށް އެރުނބަޔަކުން އެތިފޮދެއް ލިބިވަޑައެއް ނުގެންނެވި ދޮގެއްތޯއެވެ؟"
އާޒަރުމީދުޚުތުގެ މިވާހަކަފުޅުން ޒަރުބަޚުތުގެ ހުރިހައި ޝައްކުތަކެއް ފިލައިފިއެވެ. "އަޅުގަނޑު ހޭވެރިކަންވީ ކޯރުގެ ފެންގަނޑުގެ ތެރެޔަށް ބޯ ގަންބައިލުމުންނެވެ. އެހެންނޫންނަމަ އަޅުގަނޑު ހީކޮށްގެން މިހިރީ ފަހަރެއްގައި ..........."
ޝެހެޒާދީ ހިތްގައިމުގޮތަކަށް ހިނިފުޅުވަޑުވައިލެއްވިއެވެ. "ކަލާ ހީފުޅުކުރެއްވީ އަޅުގަނޑު އާޒަހަރެއް އީޖާދުކުރީކަމަށް ދޮގެއްތޯއެވެ؟"
"ނޫނެކެވެ. އަޅުގަނޑު ހީކުރީ ކަމަނާ ސަމާސާފުޅެއް ކުރެއްވީ ކަމުގައެވެ. އެކަމަކު ކަމަނާ މިވަގުތު......"
"އަހަރެންގެ ހާރު ގެއްލިއްޖެއެވެ. ފަހަރެއްގައި ބައްތެލީގެ ތެރެޔަށް ވެއްޓިފައިވެސް އޮވެދާނެއެވެ. ކަލާގެ ރަޙުމަތްތެރިޔާ އިތުރު ޖާމެއް ހިއްޕަވައިފިއެވެ. ދުނިޔޭގައިވާ ހުރިހައި ޚަޒާނާތަކަކަށްވުރެވެސް އޭނާގެ އަރިހުގައި އަގުބޮޑީ އޭނާގެ އަވަހާރަފުޅެވެ. އެކަމަކު އެހާރަކީ އަޅުގަނޑުގެ މަންމަގެ ހަނދާނެކެވެ. އެހާރު ނުހޯދެނީހެއް އަޅުގަނޑުގެ ގާތަކަށް ނިންޖެއް ނާންނާނެއެވެ. ކަލާވެސް އަޅުގަނޑާއެކު ހިންގަވާށެވެ. ފަހަރެއްގައި ބައްތެލީގެ ފަޅުވެރީން ފާސްކުރާންވެސް އަޅުގަނޑުމެންނަށް ޖެހިދާނެއެވެ."
"އަޅުގަނޑު އެބަހުރީމެވެ."
ޒަމްޒަމް ވަޅުކޮޅުގެ އެތެރެ. ޒަމްޒަމް ވަޅުކޮޅަށް އެންމެ ގިނައިން ފެން އަންނަނީ ހަޖަރުލް އަސްވަދާ ދިމާއިން. ކަޢުބާގެމަތީން ހަޖަރުލް އަސްވަދާ ދިމާއިން ސީދާތެދު ރޮނގެއް ދަމާލާއިރު އެރޮނގަށް އަރާ އެންމެ ކައިރި އިސްލާމީ ގައުމަކީ ދިވެހިރާއްޖެ. ރާއްޖެއަށް ރަހުމަތާއި ބަރަކާތް ލައްވާށި ---
ޒަރުބަޚުތުގެ އިޝާރަތަކަށް އަޅުންގެ އެހެންމީހެއްވެސް ދަންމަރެއް ހިފައިގެން އެބޭފުޅުންގެ ކުރީގައި ހުރެގެން ހިނގައިގެންފިއެވެ. އެބޭފުޅުން ބައްތެލިކޮޅަށް އަރައިވަޑައިގެންފިއެވެ. ފަޅުވެރީން އަދަބުވެރިކަމާއެކު އެއްފަރާތަކަށް ޖެހިލައިގެން ތިއްބެވެ. ޝެހެޒާދީ އެކަމަނާގެ ހާރުކޮޅުގެ ވާހަކަ ވިދާޅުވެފައި ބައްތެލިކޮޅުގެ ތެރެ ހޯއްދަވާން ފައްޓަވައިފިއެވެ. ޒަރުބަޚުތުގެ އިސްތަށިފުޅު އަނބުރައެވެ. އެކަމަކުވެސް ޝެހެޒާދީ އުފާފުޅުކުރުއްވުމަށްޓަކައި ހާރު ހޯއްދެވުމުގައި އޭނާ ޝެހެޒާދީއާ ބައިވެރިވެވަޑައިގެންނެވިއެވެ. އިރުކޮޅެއްގެފަހުން މާޔޫސްކަމާއެކު އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ޒަރުބަޚުތު ވިދާޅުވިއެވެ. "ހާރުކޮޅު ގަނޑުވަރުގައި ބާއްވަވައިފައި ވަޑައިގެންނެވުނީ ކަމުގައެއް ނުވާނެތޯއެވެ؟"
"އާދޭހެވެ! އަޅުގަނޑު ބައްތެއްޔަށް އެރިއިރު ކަރުގައި ހާރު އޮތެވެ. ރަނގަޅަށް ހޯއްދަވާށެވެ. ފެނިވަޑައިނުގެންފިނަމަ ފަޅުވެރީން ފާސްކުރައްވާށެވެ."
"އަޅުގަނޑު ސިފައިން ގެންނާނަމެވެ." ޒަރުބަޚުތު އެހެން ވިދާޅުވެފައި ބައްތެލިކޮޅުން ފައިބައިވަޑައިގަންނަވާން އުޅުއްވެވިއެވެ. ނަމަވެސް ޝެހެޒާދީގެ އަޅެއް އޭނާގެ ކުރިބައްދައިފިއެވެ. ހަމައެއާއެކު ޝެހެޒާދީގެ އިޝާރަތަކަށް ބަލަބަލައިތިބި ފަޅުވެރީން އޭނާގެ ގައިކޮޅަށް އަރައިގެންފިއެވެ. ފަލިތަންޑުތަކާއި ގޮށްމުށުން ޙަމަލަދީ ޒަރުބަޚުތު އަނގަފުޅުވަތަށް ވައްޓައިލައިފިއެވެ.
ޝެހެޒާދީ ހަޅޭފުޅުލައްވައިގެންނެވިއެވެ. "އޭނާ ދޫކޮށްލާށެވެ. އޭނާ ޤަތުލުކުރާކަށެއް ބޭނުމެއް ނޫނެވެ."
ފަޅުވެރީން ފަހަތަށް ޖެހިލައިފިއެވެ. ފަޅުވެރީންކުރެ މީހެއް ކުރިޔަށްޖެހި ޒަރުބަޚުތުގެ ކޮނޑުފުޅުގައި ހިފައި ފޮރުޅައިލައިފައި އުޑުތިލަފުޅުމަތީން ބާއްވައިފިއެވެ. އޭނާގެ ނިތްކުރިފުޅުމަތީން ލޭ އާދެއެވެ. އޭނާ ކުކުރައިވަޑައިގަންނަވަމުން ލޯފުޅު ހުޅުއްވައިލެއްވިއެވެ. އޭނާގެ ތުރުތުއަޅާ ތުންފަތްޕުޅުގެ ތެރެއިން ރަނގަޅަށް ސާފުނުވާ އަޑުފުޅެއް ނިކުތެވެ. އެއާއެކު "އާޒަރުމީދުޚުތު! އާޒަރުމީދުޚުތު!" މިހެން ދެފަހަރަކު ވިދާޅުވެފައި ލޯފުޅު މަރުއްވައިލައްވައިފިއެވެ.
"އޭނާގެ އިސްތަށިފުޅު ބެންޑޭޖުކުރާށެވެ! "އާޒަރުމީދުޚުތު މިހެން ވިދާޅުވެފައި އަނެއްފަރާތަށް މޫނުފުޅު އަނބުރައިލައްވައިފިއެވެ. އަޅުންގެ މީހެއް ވަރަށް ހަލުއިކޮށް ބައްތެލިކޮޅުގެ ގެމައްޗަށް އަރައިފިއެވެ. އޭނާ ދަންމަރެއް ހޫރުވާން ފަށައިފިއެވެ. ހަމައެއާއެކު ކޯރުގެ އަނެއްފަރާތުގެ އައްސޭރީންވެސް ދަންމަރެއް އުފުލައިލައިފިއެވެ. ބައްތެލިކޮޅުން ދަންމަރު އުފުލައިލިމީހާ އެތަން ފެނިފައި ބުންޏެވެ. "އޭނާ އެބަވަޑައިގަނެއެވެ."
އިރުކޮޅެއްގެ ތެރޭގައި ބޮއްކުރައެއް އައިސް އާޒަރުމީދުޚުތުގެ ބައްތެލިކޮޅުގެ ކައިރިޔަށް މަޑުކޮށްފިއެވެ.
ޝެހެޒާދީ މަޑުމަޑުން ވިދާޅުވިއެވެ. "ސިޔާދުޚަޝް! އަހަރެން މިހިރީއެވެ."
ސިޔާދުޚަޝް އޭނާގެ ބޮއްކުރައިން ފައިބައިގެން އާޒަރުމީދުޚުތުގެ އަރިހަށް އަތުވެއްޖެއެވެ. ރަސްކަމުގެ ކޮއިލުގެ ފާރަވެރީން ތިބީ ކަމަނާގެ އިންތިޒާރުގައެވެ. އަޅުގަނޑުގެ މީހުން ގަޑިއެއްހައިއިރުގެ ތެރޭގައި ފުރޭބުރުޒުގެ ގެ ޙިޞާރުކުރާނެއެވެ. ޝާހީ ފާރަވެރީންގެ މުޢަސްކަރު ގަޑުބަޑުކޮށްލުމުގެ އިންތިޒާމުވެސް ހަމަޖެހިއްޖެއެވެ. އަޅުގަނޑު ފިކުރުބޮޑުވަނީ ހަމައެކަނި ޒަރުބަޚުތާ މެދުގައެވެ."
"ޒަރުބަޚުތާމެދު ފިކުރު ބޮޑުވުމުގެ ބޭނުމެއްނެތެވެ. ނިކަން މިފަރާތް ބަލައިބަލާށެވެ!"
އަޅުންގެ މީހެއް ޒަރުބަޚުތުގެ އަރިހަށް ޖެހިލައިފައި ދަންމަރުން އަލިކޮށްލިއެވެ. ސިޔާދުޚަޝް ގުދުވެފައި އޭނާގެ ވިންދު ބަލައިލިއެވެ. އަވަސްއަވަހަށް އޭނާގެ ޚަންޖަރު ނަގަމުން ބުންޏެވެ. "މީނާ އަވަހާރައެއް ނުވެއެވެ."
"ނޫނެކެވެ. ނޫނެކެވެ. ޝެހެޒާދީ އޭނާގެ އަތުގައި ހިފަހައްޓަވަމުން ވިދާޅުވިއެވެ. "އަހަރެން އޭނާ ޤަތުލުކުރުމުގެ އަމުރެއް ނުދޭނަމެވެ. ކަލޭ އޭނާގެ ގައިކޮޅަށް އަތްނުލާން އަހަރެންގެ ގާތުގައި ވަޢުދުވާށެވެ."
"އެކަމަކު މިކަހަލަ މީހަކު ދިރިހުރުމަކީ ނުރައްކަލެކެވެ."
"މިއީ އަހަރެންގެ އަމުރެކެވެ! އޭނާ ކޮންމެވެސް ޖަލަކަށް ފޮނުވައިލާށެވެ. އެކަމަކު ފަރަޚުޒާދާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ކަލެޔަށް ދީފީމެވެ."
"އޭނާ އަވަހާރައެއް ނުވޭތޯއެވެ؟" ސިޔާދުޚަޝް ޙައިރާންވެފައި ސުވާލުކޮށްލިއެވެ.
"އާނއެކެވެ. އޭނާ އޮންނެވީ ހޭފުޅުނެތިފައެވެ."
"އޭނާގެ މެހުމާނުން ކޮބައިތޯއެވެ؟"
"އެ އެންމެން ތިބީ ނިދައިފައެވެ."
"އޭނާގެ ޚުރާސާނީ ނޯކަރުން ކޮބައިތޯއެވެ؟"
"ބޭރުގައި ފޭލިގޭގައެވެ. ޒަރުބަޚުތުގެ މީހުންވެސް ވީ އެފޭލިގޭގައެވެ. އެބައިމީހުންނެއް ނުނިދައެވެ. އެކަމަކު އެމީހުނާމެދު ފަރުވާތެރިވުމުގެ ބޭނުމެއްނެތެވެ."
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ