މިދިޔަ އަހަރު އެއާޕޯޓުތައް މެދުވެރިކޮށް ރާއްޖެ އެތެރެވެފައިވަނީ 658811 މީހުން

މިދިޔަ އަހަރު އެއާޕޯޓުތައް މެދުވެރިކޮށް ރާއްޖެ އެތެރެވެފައިވަނީ 6 ލައްކަ ފަންސާސާ ހާހެއްހާ މީހުންކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ބޯޑަރުތައް ގިނަ ދުވަސްތަކެއް ބަންދުކޮށްފައިވާއިރު، މިދިޔަ އަހަރު އެއަރޕޯޓްތައް މެދުވެރިކޮށް ވަދެފައިވަނީ 658811 މީހުންނެވެ. މީގެ ތެރެއިން 555499 މީހުންނަކީ ފަތުރުވެރިންކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މީގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ފުރި މީހުންގެ ޖުމްލަ އަދަދަކީ 676411 މީހުންނެވެ. މީގެ ތެރެއިން 37658 މީހުންނަކީ ދިވެހިން ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
އެއާޕޯޓުތަކުން އެތެރެވި މީހުންނާއި ފުރި މީހުންގެ ތަފާސް ހިސާބުތައް އިމިގްރޭޝަނުން އާންމު ކޮށްފައިވާއިރު، އެންމެ ގިނަ މީހުން އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ވީއައިއޭއިން 652054 މީހުން އެތެރެވިއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 4100 މީހުން އެތެރެވެފައިވެއެވެ.
އިމިގްރޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު މުޅިން އަލަށް ވޯކް ވިސާއާއިއެކު 10317 މީހުން އައިސްފައިވެއެވެ. އަދި 611 މީހަކަށް އެތެރެވުމުގެ ހުއްދަ ދީފައެއް ނުވެއެވެ. މީގެ އިތުރުން އޮޅުވާލައިގެން އެތެރެވާން އުޅުނު 26 މީހުން ހުއްޓުވާފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ކޯވިޑް-19އާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ބުރުއެރިއިރު، ރާއްޖޭގެ ބޯޑަރު 3 މަސް ދުވަހަށް ބަނދު ކުރިއެވެ. އޭރުވެސް ރާއްޖެ އެތެރެވާ މީހުންގެ ނިސްބަތް އަހަރު ކުރީކޮޅުން ފެށިގެން ދިޔައީ ދައްވަމުންކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން ރާއްޖެ އަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ