ޖާބިރު، މަސް ދޯންޏަކަށް ފައިސާ ނުދައްކަވާތީ އެ އަތުލަން ތޫނު ހަތިޔާރާއެކު ބަޔަކު އަރައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިންސްޓޯލްމަންޓަށް ބައްލަވައިގެންނެވި މަސް ދޯންޏަކަށް ބަރާބަރަށް ފައިސާ ނުދައްކަވާތީ، އެ ދޯނި އަތުލަން ތޫނު ހަތިޔާރާއެ ކު ރޭ ބަޔަކު އެ އަށް އަރައިފި އެވެ.
އެނގިފައިވާ ގޮތުގައި، "ފަސްކުރި" ނަމަކަށް ކިޔާ އެ ދޯނި ލ. ގަމު މީހަކު ޖާބިރަށް ކުއްޔަށް ދޫކުރީ މީގެ ދެ އަހަރު ކުރިންނެވެ. ޖާބިރަށް އެ ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް ޖާބިރު މިހާތަނަށް ދެއްކެވީ ހަތް ލައްކަ ރުފިޔާ ކަމަށް ވެ އެވެ.
އެހެންވެ، މި މައްސަލައިގައި 30 އަކަށް މީހުންގެ ގުރޫޕަކުން ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެ ދޯންޏަށް ރޭ އެރީ ލ. އަތޮޅު ވަޑިނޮޅު ކައިރީގައި ދިއްލައިގެން އޮއްވަ އެވެ.
އެ މައްސަލައިގައި، މީޑިއާ އަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ، ރޭ 11:55 ހާއިރު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯނި ގަމު ތުނޑި އަށް ކައިރިކޮށް، އެ އަށް އިތުރު ބަޔަކު އެރިއަސް އެއްވެސް މާރާމާރީއެއް ހިންގާފައިވާ ނުވާ ކަމަށް ބުންޏެވެ.
"އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
"މި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ދަނީ ކުރަމުންނެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ