ޓެރަރިޒަމާ ދެކޮޅަށް ''އެކަމަކު'' އަދި ''ނަމަވެސް'' އެއް ނޯންނާނެ: ޖައިޝަންކަރު

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރާއިރު "އެކަމަކު" އަދި "ނަމަވެސް" އެއް ނޯންނާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
ޔޫއެންއެސްސީ އޯޕަން ޑިބޭޓްގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ދުނިޔޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ހިތްވަރާއި އަޒުމް ހުންނަންޖެހޭ ކަމަށެވެ. އަދި ޓެރަރިސްޓުން ވާނީ ޓެރަރިސްޓުންނަށް ކަމަށާއި އެމީހުންގެ ތެރޭގައި ރަނގަޅު މީހުންނާއި ގޯސް މީހުން ނޫޅޭނެ ކަމަށް ވިދާޅުވި އެވެ.
"ޓެރަރިސްޓުންނަށް އެހީވެ ހިމާޔަތްދޭ މީހުންނަކީ ހަމަ އެފަދަ ބައެއް،" ޖައިޝަންކަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކޭސްތައް ދެނެގަނެ، ތަހުގީގުކޮށް އެފަދަ މީހުންނަށް ދައުވާކުރުމުގެ ގާނޫނީ އަދި އޮޕަރޭޝަނަލް ފްރޭމްވޯކެއް އަދި ޓެކްނިކަލް ތަޖުރިބާއެއް ނެތް ކަމަށެވެ. އަދި ބައެއް ސްޓޭޓުތަކުގައި އެފަދަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ އެމީހުންނަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޖައިޝަންކަރު އިތުރަށް ވިދާޅުވީ، ޓެރަރިސްޓު ގުރޫޕްތަކާއި ގިނިކަންޔާ ނުކުމެ ހަމަލާދޭ މީހުންގެ ގާބިލުކަން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީކޮށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން ޑްރޯންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމާއި އެންކްރިޕްޓެޑް މުވާސަލާތްތައް ހިންގުން ހިމެނޭއިރު ޓެރަރިޒަމަށް ޒުވާނުން ރެކްރޫޓްކުރުމަށް އެފަދަ ގުރޫޕްތަކުން ސޯޝަލް މީޑިއާ ނެޓްވޯކްތައް ބޭނުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޓެރަރިޒަމާއި އެކި ގައުމުތައް ގުޅިގެން ހިންގާ ކުށްތައް ދެނެގަނެ، އެކަންކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
"1993 ވަނަ އަހަރު މުމްބާއީއަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ ނަގަންޖެހޭ މީހުންނަށް ދައުލަތަކުން ހިމާޔަތްދިނުމުގެ އިތުރުން ފަސް ތަރީގެ މެހެމާންދާރީ އަންނަނީ ދެމުން،" ޖައިޝަންކަރު ވިދާޅުވި ކަމަށް އޭއެންއައި ނޫހުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ