މުލަކު ގޮނޑުދޮށުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ނެގުމަށްފަހު ވަޅުލައިފި

މ. އަތޮޅު މުލަކު ގޮނޑުދޮށަށް ލައްގާފައި އޮތްވާ ފެނުނު ހަށިގަނޑުގެ ޑީއޭންއޭ ނެގުމަށްފަހު ވަޅުލައިފި އެވެ.
ކޮން ޖިންސެއްކަން ވަކިކުރަން ނޭންގޭ އެ ހަށިގަނޑުގެ މަތީބައި ފެނިފައިވަނީ މިއަދު ހެނދުނު 10:00 ޖަހާކަންހާއިރު މުލަކު އިރުމަތީފަރާތު ފަޅުކައިރިން އެއްގަމަށް ލައްގާފައި އޮއްވަ އެވެ.
ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ޑީއެންއޭ ސާމްޕަލް ނެގުމަށްފަހު މުލަކު ސަހަރާގައި ހަށިގަނޑު ވަޅުލާފައި ވަނީ މިއަދު މެންދުރު 14:30 ހާއިރު ކަމަށެވެ. މުލަކު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވެފައިވަނީ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ފޯވެ ހަލާކުވެފައި ކަމަށެވެ.
"ލޮނުމަސް ހިއްކާ އަވީލާން އުޅުނު މީހަކު ލޮނު ބާލިދީ އެއް ބަލާދިޔަ ވަގުތު ހަށިގަނޑު ފެނުނީ. ފެނުނުއިރު ދެ އަތާ އެއްފައި ނެތް. އެއްފައިގެ ކަކުލުން މަތި އޮތީ. މާބޮޑު ވަހެއް ނުދުވާ. ވަރަށް ބޮޑަށް ހަލާކުވެފައި އޮތީ ވެސް. އެކަމަކު ވެސް ކުޑަކޮށް ހުރޭ ކުނި ވަހެއް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވަނީ މުލަކު ފަޅުތެރެއަށް ލައްގާފައި އޮއްވައި ފެނުނު މީހާގެ ގައިގައި ކޮންމެ ވެސް ވަރަކަށް މަސް ހުރި އިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފޮއްސި ވެފައި ކަމަށެވެ. އަދި ބޮލުގެ ކަށިތަކާއި ދަތްތައް ވެސް ފެންނަން ހުރި ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މުލަކު ގޮނޑުދޮށުން ކާކުކަން ނޭންގޭ މީހެއްގެ ހަށިގަނޑު މިއަދު ފެނިފައި މިވަނީ ޅ. ނައިފަރުން ފުރައިގެން މާލެ އައި ބޯޓަކުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށެވެ. ނައިފަރު، ދުނި، ހަމީދާ އަބްދުﷲ، 21 ގެއްލިގެން ހޯދާތާ ފަސް ދުވަސްވީއިރު، މިހާތަނަށް ވެސް އޭނާގެ ހަބަރެއް ވެފައެއް ނުވެ އެވެ. ހަމީދާ ގެއްލުނުކަން އެނގުނީ ބޯޓު ފުރައިގެން އެ އަތޮޅު ކުރެންދުއާ ހިސާބަށް ދެވުނު ފަހުން ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ