ރައްޔިތުން ތިބީ ސަރުކާރާ މެދު ހިތްހަމަ ޖެހިގެން، އުންމީދުގައި: ސާވޭ

ދެހާސްއަށާރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ މެދު ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ކަމަށް އެމެރިކާގެ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓު (އައިއާރުއައި)އިން ރާއްޖޭގައި ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކައިފި އެވެ. ދުނިޔޭގެ ގައުމުތަކުގައި މިނިވަންކަމާއި ޑިމޮކްރަސީ ގާއިމު ކުރުމަށް ހިލޭސާބަހަށް މަސައްކަތް ކުރާ އައިއާރުއައި އިން ކުރިއަށްގެންދިޔަ އެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 61 ޕަސެންޓު މީހުން ރައީސް ސޯލިހަށް ތާއިދު ކުރާ ކަމަށް ބުނެފައިވާ އިރު 56 ޕަސެންޓު މީހުން ވަނީ ސަރުކާރަށް ތާއިދު ކުރާ ކަމަށް ބުނެފަ އެވެ. "މިސަރުކާރުގެ ފުރަތަމަ އަހަރަށް ފަހު ސަރުކާރު ހިންގުމާ މެދު ރައްޔިތުން ހިތްހަމަޖެހޭ. ނަމަވެސް ރައްޔިތުންގެ ތާއިދު ދެމެހެއްޓުމަށްޓަކައި، ކޮރަޕްޝަނާއި ސިޔާސީ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ހައްލު ކުރުމަށް ކޯލިޝަން ލީޑަރު ރައީސް ސޯލިހު ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދަވަންވާނެ،" އައިއާރުއައިގެ ރީޖަނަލް ޑިރެކްޓާ ފޯ އޭޝިއާ ޖޮއާނާ ކާއޮ ވިދާޅުވި އެވެ. އެ ސާވޭގެ ނަތީޖާއިން ދެއްކި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ހާލާތާ މެދުވެސް ރައްޔިތުން ހިތްހަމަޖެހެ އެވެ. އެގޮތުން މިހާރު ގައުމުގެ އިގުތިސާދު އޮތް ހާލަތު "ރަނގަޅު" ކަމަށާއި "ވަރަށް ރަނގަޅު" ކަމަށް 75 ޕަސެންޓު މީހުން ގަބޫލު ކުރާ އިރު ކުރިއަށް އޮތް އަހަރު ތެރޭގައި އިގުތިސާދު އިތުރަށް ރަނގަޅު ވާނެ ކަމަށް 63 ޕަސެންޓު މީހުން ދެކެ އެވެ. މީގެ އިތުރުން މި ސަރުކާރުގެ ލާމަރުކަޒީ ނިޒާމަށް ގިނަ މީހުންގެ ތާއިދު އޮތްކަންވެސް އެ ސާވޭއިން ވަނީ ދައްކާފަ އެވެ. އެގޮތުން ރާއްޖެ ލާމަރުކަޒީ ކުރުން މުހިއްމު ކަމަށް 75 ޕަސެންޓު މީހުން ބުނެފައިވާ އިރު މި ސަރުކާރުން ގެންގުޅޭ ލާމަރުކަޒީ ސިޔާސަތުތަކަށް ތާއިދު ކުރާ ކަމަށް 54 ޕަސެންޓު މީހުން ވަނީ ބުނެފަ އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމަށް މިދިޔަ ޑިސެމްބަރު ގާނޫނު ހަދާ މަޖިލީހުން ފާސް ކުރި ގާނޫނަށް 62 ޕަސެންޓު މީހުން ތާއިދު ކުރި އިރު ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ވަނީ ވޯޓު ދިނުމުގައި ވަކި ޖިންސަކަށް ނުބަލާ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ކޮރަޕްޝަނާއި ސިޔާސީ ހަމަނުޖެހުމާ ބެހޭ ގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އޮތްކަންވެސް އެ ސާވޭއިން ވަނީ ދައްކާފަ އެވެ. އެގޮތުން ކޮރަޕްޝަނުގެ ސަބަބުން އާއްމު ދިރިއުޅުމަށް އަސަރު ނުކުރާ ކަމަށް 62 ޕަސެންޓު ދިވެހިން ބުނި ނަމަވެސް 97 ޕަސެންޓު މީހުން ވަނީ އެއީ މިހާރުވެސް ސީރިއަސް މައްސަލައެއް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެ ސާވޭގައި ބައިވެރިވި ގިނަ މީހުން ދެކޭ ގޮތުގައި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ހަމަނުޖެހުމާއި އެތެރޭގެ ކޯޅުންތަކެވެ. އަދި ސަރުކާރުން ހައްލު ކުރަން ޖެހޭ އެހެން މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި ވަޒީފާ ނުލިބުމާއި މަސްތުވާތަކެތީގެ މައްސަލަ އެމީހުން ފާހަގަ ކުރި އެވެ. ރާއްޖޭގެ ސީޑީއީ ކޮންސަލްޓިން، ސާވޭއިން އެންޑް އިންޖިނިއަރިންގެ ބެލުމުގެ ދަށުން އައިއާރުއައިގެ ސެންޓާ ފޯ އިންސައިޓްސްއިން ސާވޭ ރިސާޗް (ސީއައިއާރުއެސް)އިން ކުރިއަށްގެންދިޔަ އެ ދިރާސާގައި 18 އަހަރުން މަތީގެ 1،130 މީހުން ބައިވެރިވި އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތިނެކާއި 22އާ ދޭތެރޭ އެ ސާވޭ ކުރިއަށްގެންދިޔައީ ވަކިވަކި މީހުންނާ ބައްދަލުކޮށް، ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ އިންޓަވިއުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ