އެމެރިކާ ނާކާމިޔާބީ ހޯދަނީ އަމިއްލަ އަށް: ޕާކިސްތާން

އިސްލާމްއާބާދު (ސެޕްޓެމްބަރު 25) - ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހައްގާނީއާ ޕާކިސްތާނު ސަރުކާރާ ގުޅުން އޮންނަ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތަކީ ދޮގެއް ކަމަށް ވިދާޅުވެ އެފަދަ ތުހުމަތުތަކުގެ ސަބަބުން އެމެރިކާ އަމިއްލަ އަށް ނާކާމިޔާބުވަމުން އަންނަ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ޖީލާނީ އިއްޔެ ވިދާޅުވެއްޖެ އެވެ. ޖީލާނީ ވިދާޅުވީ މިގޮތަށް ކުރާ ތުހުމަތުތަކުގެ ފައިދާ ލިބެނީ ހަނގުރާމަވެރިންނަށް އެކަނި ކަމަށާއި މި ފަދަ ވާހަކަތަކުން ދޭހަވަނީ އަފްޣާނިސްތާނުގައި އެމެރިކާ އިން ހިންގާ އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތުން ކަމަށެވެ. އެމެރިކާ އާއި ޕާކިސްތާނާ ދެމެދު ގުޅުން ގޯސްވެފައި ވަނިކޮށް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާނު ސަރުކާރާ ހައްގާނީ ޖަމާއަތާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި އެ ޖަމާއަތާ ގުޅުން ހުރި ބަޔަކު ވެސް ޕާކިސްތާނު ސަރުކާރު ތެރޭގައި ނެތް ކަމަށެވެ. "އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްގެން ނާކާމިޔާބު ވާނީ އަމިއްލަ އަށް ... އެކަމުން ފައިދާ ވާނީ ސުލްހައިގެ ދުޝްމަނުންނަށް. މިފަދަ ބައިބައިވުންތަކުގެ ފައިދާކުރާނީ ހަނގުރާމަވެރިންނަށް،" ބޮޑުވަޒީރު ވިދާޅުވި އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު މި މޭރުމުން ރައްދު ދެއްވާފައި މި ވަނީ ހައްގާނީ ޖަމާއަތާ ޕާކިސްތާނު ސަރުކާރާ ދެމެދު އެއްވެސް ގުޅުމެއް އޮތް ނަމަ ވަގުތުން އެ ގުޅުމެއް ކަނޑާލުމަށް އެމެރިކާ އިން ހުކުރުދުވަހު ގޮވާލާފައި ވަނިކޮށެވެ. އެމެރިކާ އިން ބުނެފައި ވަނީ އެންމެ ފަހުން ކާބުލްގައި ދިން ނުރައްކާތެރި ހަމަލާތައް ރާވާފައި ވަނީ ހައްގާނީ ޖަމާއަތުން ކަމަށާއި އެއީ ޕާކިސްތާނު ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށެވެ. ބޮޑުވަޒީރު ވިދާޅުވީ އެމެރިކާ އާއި ޕާކިސްތާނާ ދެމެދު އޮންނަ އެއްބާރުލުމާއި ގުޅުންތަކާ މެދު މިފަދަ ތުހުމަތުތަކުގެ ސަބަބުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ ސަލާމަތީ ކަންކަމަށް ޕާކިސްތާނު ޒިންމާވާން ނުޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ޕާކިސްތާނަކީ ވެސް ޓެރަރިޒަމްގެ އަނިޔާ ލިބެމުންދާ ގައުމެއް ކަމަށް ވިދާޅުވި އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ