އެންގުމާ ހިލާފަށް ރިސޯޓަކަށް އެރި މީހަކަށް ދައުވާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ހއ.މަނަފަރު ރިސޯޓަށް އެރި އެ ރިސޯޓުގެ މުވައްޒަކަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ޚިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ޚިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކޯޓަށް ހުށަހަޅައިފިން.
— PGOMV (@PGO_MV) March 30, 2020
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ހިލާފަށް އެ ރިސޯޓަށް އެރި މުވައްޒަފު ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 32 އަހަރުގެ ފިރިހެނެކެވެ.
ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުމާއި އަދި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން ވެސް މިވަގުތު އޮތީ މަނާކޮށްފައެވެ. މީގެކުރިން ވެސް ފުލުހުން ވަނީ މި އެންގުމާ ހިލާފުވި ފަރާތްތަކެއް ހައްޔަރުކޮށްފައެވެ.
ފުލުހުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކަކުން ވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުންތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ